ދުންފުހުގެ ސަބަބުން ވައިނުސާފުވުމުގެ މައްސަލަ ރާއްޖޭގެ އުތުރުގެ ރަށްތަކަށާއި، މެދުރާއްޖެ ތެރެއަށް ދިމާވާން ފަށައިފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ދުންފުހުގެ ސަބަބުން ވައި ނުސާފުވެ އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން 3 ކިލޯމީޓަރަށް ދައްވެފައި ވާކަމަށް ބުނެފައެވެ. އަދި މި ހާލަތު މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފޯރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވަމުން އަންނައިރު، އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަަދައްކަވަމުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވާރަމެންޓް އެންޑް އެނާޖީގެ އެންވާރަމެންޓް އެނަލީސްޓް މުޙައްމަދު ޒަޔާން އަބްދުﷲ މިރޭ ވިދާޅުވީ ރާއްޖޭގެ ވައި ނުސާފުވާ މައްސަލަ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަކަމަށެވެ.
މިކަން ދިމާވަނީ ކާރުހާނާތަކުން ދޫކުރާ ވިހަ ގޭހުގެ އަސަރުކޮށްގެން ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
"މިކަން މި ދިމާވާ ސަބަަބަކީ ކާރުހާނާތަކުން ބޭރުކުރާ ވިހަ ދުން. މީގެ ހިމެނޭ ވަރަށް ނުރައްކާ ގޭސްތަކެއް. މިގޭސްތައް ޖައްވުގެ ތެރޭގައި އުފެދިގެން ޖައްވުގަ ހުންނަ ގޭސްތަކާ މަސްހުނިވެގެން އުފެދޭ ނުރައްކާ ގޭސްތަކުގެ ސަބަބުން މި ވައި ނުސާފުވަނީ،" ޒަޔާން ވިދާޅުވިއެވެ.
ޒަޔާން ވިދާޅުވީ ރާއްޖެއާ ހަމައަށް ނުސާފުކަން އަންނަނީ ވައި ދައުރުވާ ގޮތުން ކަމަށެވެ.
މީގެ ސަބަބުން ވަރަށް ގިނަ ސިއްޚީ މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެގޮތުން ނޭވާލާ ނިޒާމަށް ދިމާވާ އުނދަގޫވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މި ދުވަސްވަރު ބޭރަށް ނިކުތުން މަދުކުރުމަށާއި، ކޮންމެހެން ނިިކުންނަން ޖެހިއްޖެ ހާލަތެއްގައި ވެސް މާސްކުފަދަ ތަކެތި ބޭނުންކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ނޭވާލާ ނިޒާމުގައި މައްސަލަ ހުންނަ މީހެއްނަމަ އެއްގޮތަކަށް ވެސް ބޭރަށް ނުނިކުތުމަށް އޭނާ ވަނީ އެދިލައްވައިފައެވެ.
އޭނާ ވިދާޅުވީ ވައިގެ ނުސާފުކަން މިދިޔަ އަހަރު ވެސް ރެކޯޑު އަދަދަކަށް ފާހަގަކުރެވިފައި އެބަހުރި ކަމަށާއި މި އަދަދު އިތުރުވަމުން އަންނާތީ މިކަމަށް ސަމާލުވުމަށް އެންމެންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.