އަންނަ އަހަރު އެމްޕީއެލްގެ ފައިދާ 45 ޕަސެންޓް އިތުރުވާނެ، 500 ވަޒީފާ އުފައްދާނަން: ޖުނައިދު

އެމްޕީއެލްގެ ސީއީއޯ ޖުނައިދު ރޭ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ތަރައްގީކޮށް، އަންނަ އަހަރު ފައިދާ 45 ޕަސެންޓް އިތުރުވާނެ ކަމަށާއި އަދި އަންނަ އަހަރު އިތުރު 500 ވަޒީފާ އުފައްދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނައިދު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކޮމާޝަލް ބަނދަރަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ރޭ މީރުބަހުރު ބަނދަރުގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ޖުނައިދު ވިދާޅުވީ، އޭނާ އެމްޕީއެލް ހިންގަވަން ފެއްޓެވި ފަހުން މިހާތަނަށް 270 ވަޒީފާ އުފައްދާފައިވާ ކަމަށެވެ.

ޖުނައިދު ވިދާޅުވީ އެމްޕީއެލްއަކީ ފައިދާ އިތުރުކޮށްގެން އިތުރު ވަޒީފާ އުފެއްދޭނެ ތަނެއް ކަމަށެވެ. އަދި އަންނަ އަހަރު 500 ވަޒީފާ އުފެއްދިޔަސް އެމްޕީއެލްގެ މާލީ ކަންތައްތަކަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ އަހަރު އެމްޕީއެލް މެދުވެރިކޮށް 500 ވަޒީފާ އުފައްދާނަން. އެމްޕީއެލް އަކީ ފައިދާ އިތުރުކޮށްގެން އިތުރު ވަޒީފާ އުފެއްދޭނެ ތަނެއް،" ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލްގައި 2،000 ވަރަކަށް މީހުން ވަޒީފާ އަދާކުރެ އެވެ.

އެމްޕީއެލް އިން ފައިދާ ހޯދާނެ ގޮތްތައް ވެސް ޖުނައިދު ވިދާޅުވި އެވެ. އެ ގޮތުން އޭނާ ވިދާޅުވީ އެ ކުންފުނީގައި ޕާކްކޮށްފައި ހުރި "ވެލިއުބަލް އެސެޓްސްތައް" ބޭނުންކޮށްގެން ފައިދާ ހޯދާނެ ކަމަށެވެ.

އެ ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމަށް އެމްޕީއެލް ސަހައްދުގައި ވަނީ އާ ރެސްޓޯރަންޓެއް ހަދައިފަ އެވެ. އަދި އެ ރެސްޓޯރަންޓް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވައި އެ ތަނުން މިލިއަނުން ފައިސާ ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ އޭނާ އެ މަގާމުގައި ހުރެއްޖެ ނަމަ އެ ބަނދަރަކީ ވަރުގަދަ ބަނދަރަކަށް ހައްދަވާނެ ކަމަށާއި އެ ތަނުގެ މުވައްޒަފުންނަކީ ވެސް ވަރުގަދަ ބަޔަކަށް ހައްދަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމަށް ބަލާނީ މެރިޓަށް ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު މިނިވަންވެފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ އިންތިހާބު ވެސް ރައީސްގެ ޓީމުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް