ވިތު ހޯލްޑިން ޓެކްސް ދައްކަން ޖެހޭނެ ކަމަށް ސަންކަން ލަންކާ އަށް އަންގައިފި

ރިޒް ކާލްޓަން: ސަންކަން ލަންކާ އިން ހެދި ރިސޯޓެއް

ރާއްޖޭގައި ކޮންސްޓްރަކްންޝަން މަސައްކަތް ކުރާ، ސްރީލަންކާގެ ކޮންސްޓްރަކްޝަން ކުންފުނި، ސަންކަން ލަންކާ އަށް ވިތު ހޯލްޑިން ޓެކްސް ދެއްކުމަށް ސަރުކާރުން އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި ސަންކަން ލަންކާގެ އޮޑިޓަރުން މެދުވެރިކޮށް އެ ކުންފުންޏަށް މިދިޔަ އަހަރު ފަހުކޮޅު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ވިތު ހޯލްޑިން ޓެކުހަކީ އިންކަމް ޓެކްސް ގާނޫނުގެ ދަށުން ދައްކަން ޖެހޭނެ ޓެކްސް އެއް ކަމަށާއި އެއީ މައާފުކޮށްދެވޭނެ ޓެކްސްއެއް ނޫން ކަމަށެވެ.

އެ ކުންފުންޏަށް އެ ޖަވާބު ދިނީ، އެ ޓެކްސް މައާފުކޮށް ދިނުމަށް ސަންކަން ލަންކާގެ ފަރާތުން އެ މިނިސްޓްރީއަށް ހުށައެޅުމުންނެވެ.

ވިތު ހޯލްޑިން ޓެކްސްއަކީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން، ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ނަގާ ޓެކްހެކެވެ. އެއީ ޖުމުލަ ވިޔަފާރީގެ އަދަދުގެ 10 ޕަސެންޓް ދައްކަން ޖެހޭ ޓެކެހެވެ.

ޓެކްސް ގާނާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން ވިތު ހޯލްޑިން ޓެކްސް ދައްކަން ފައްޓަން ޖެހެނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ސަންކަން ލަންކާއަކީ ރާއްޖޭގައި ކޮންސްޓަރަކަސްޝަން މަސައްކަތް ކުރާ ކުންފުންޏެވެ. އެ ކުންފުނިން ދައުލަތަށް، ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި ވިއްސަކަށް މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބައެއް މަސްދަރުތަކުން ސަން އަށް ބުންޏެވެ. ނަމަވެސް ސަންކަން ލަންކާ އިން އެކަން ކަށަވަރެއް ނުކޮށްދިނެވެ.

ސަންކަން ލަންކާގެ މެނޭޖަރު ފައިނޭންސް ޕްރިޔާންތީ އާ ސަން ގުޅުމުން ވިދާޅުވީ ސަންކަން ލަންކާއަކީ ޕްރައިވެޓް ކުންފުންޏެއް ކަމަށާއި އެހެން ކަމާ އެކު މީޑިއާ އަށް މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެ އާއި ސްރީލަންކާގައި ދައްކަން ޖެހޭ ޓެކްސް ދައްކާ ކަމަށެވެ. ގާނޫނަށް ފަހުން ގެނައި ބަދަލާ އެކު، ދައްކަން ޖެހޭ ވިތު ހޯލްޑިން ޓެކްސްގެ ސުވާލު ކުރުމުން އެ ސުވާލަށް އޭނާ ޖަވާބެއް ނުދެއްވި އެވެ.

ސަން އެނގިފައިވާ ގޮތުގައި ޓެކްސް ގާނޫނަށް ވިތު ހޯލްޑިންގް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ކަނޑައެޅީ ބޭރުގެ ބޮޑެތި ކުންފުނިތަކުން ރާއްޖެ އައިސް ކޮންޓްރެކްޓްތައް ނެގުމަށް ފަހު، އަދި ލޯކަލް ކޮންޓެރެކްޓަރަކަށް ކުޑަ އަދަދެއްގެ ސަބް ކޮންޓްރެކްޓިން ދިނުމަށް ފަހު، ރާއްޖޭގައި ކުރާ މަސައްކަތުން ޓެކްސް ނުދައްކައި ބޭރަށް ބޮޑެތި އަދަދުތަކުން ފައިސާ ގެންދާ މައްސަލަ ހައްލު ކުރުމަށެވެ.

comment ކޮމެންޓް