ހުޅުމާލޭ ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 250،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ -- ފޮޓޯ: އޭޕީ

ކޮވިޑަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.

އޭޗުޕީއޭ އިން މިއަދު ބުނީ ރޭ ފަތިހު 5:11ގައި މަރުވީ 73 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހާ މަރުވީ ފަތިސް ނަމާށް ހުއްޓައި ވެއްޓިގެން ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާއާ އެކު އޭނާގެ އަންހެނުން ވެސް އަންނަނީ އެ ތަނުގައި ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.

މިއަދު މަރުވި މީހާއާ އެކު ކޮވިޑް19ގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު 28 އަށް އެރީ އެވެ.

އެ ބަލީގައި އުމުރުން 27 އަހަރުގެ ޒުވާނަކު ވެސް އަންނަނީ އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ. އަދި ވެންޓިލޭޓަރުގައި ވެސް ފަސް މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެވްރެޖުކޮށް ރެއަކާއި ދުވާލު 100 އާއި 150 ދެމެދުގެ އަދަދެއްގެ މީހުންނަށް އަންނަނީ ކޮވިޑް ރާއްޖޭގައި ޖެހެމުންނެވެ. ބޭރަށް ނުކުންނަ އިރު މާސްކް އެޅުމަށް މަޖުބޫރުވި އަސް، ކޮވިޑް ޖެހޭ އަދަދު އަދި ދަށަކަށް ނުދެ އެވެ. އަދި މާލޭ ސަރަހައްދުގައި ކޮވިޑަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ފެސިލިޓީތަކުގެ 62 ޕަސެންޓް މިހާރު ވަނީ ފުރިފައި ކަމަށް ހެލްތު އޮތޯރިޓީ އިން ބުނެ އެވެ.

ރާއްޖެ އިން ކޮވިޑަށް 6،779 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ 3،395 މީހުން ހިމެނޭ ކަމަށް އެޗްޕީއޭ އިން މިހާތަނަށް ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 2،589 ފިރިހެނުންނާއި 806 އަންހެނުންނެވެ.

comment ކޮމެންޓް