ދެކުނު ކޮރެޔާގެ އެތައް ހާސްބަޔަކު އެގައުމުގެ ރައީސާގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފި

ސޯލް (އޮކްޓޯބަރ 30) : ދެކުނު ކޮރެޔާގެ އާންމުންގެ އެތަށް ހާސްބަޔަކު ވެރިރަށް ސޯލްގެ މަގުތަކަށްނުކުމެ އެގައުމުގެ ރައީސާ ޕާކް ގެއުން ހައި ގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

ރައީސާ ޕާކްގެ އިސްތިއުފާއަށް ގޮވާލީ އެކަމަނާގެ އަންހެން ރަހްމަތްތެރިއަކު އެރަހްމަތްތެރިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދެކުނު ކޮރެޔާގެ ސަރުކާރުގެ ހުރިހާ ކަމެއްގެ ތެރެއަށް ވަދެ ނުފޫޒު ހިންގަމުންގެންދާ ކަމަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ.

މުޒާހަރާގައި ބައިވެރިވި މީހުން، ރައީސާ ޕާކްގެ ގަނޑުވަރާ ދިމާއަށް މިސްރާބު ޖެހުމުން ފުލުހުން ވަނީ އެ މީހުން ހުއްޓުވަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް މުޒާހަރާ ކުރި މީހުން ފުލުހުންގެ އަމުރަށް ކިޔަމަންވުމުން އެމީހުންނަށް އަނިޔާވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައެއް ނުވެއެވެ.

މި މުޒާހަރާގައި މަދުވެގެން 8،000 މީހުން ހިމެނޭ ކަމަށް ދެކުނު ކޮރެޔާގެ ފުލުހުން ލަފާކުރާއިރު މުޒަހާރާ އިންތިޒާމް ކުރި ފަރާތުންވަނީ 30 ހާސްމީހުން މުޒާހަރާގައި ބައިވެރިވި ކަން ކަށަވަރުކޮށްދީފަ އެވެ. މުޒާހަރާ ކުރި މީހުންވަނީ ގައުމުގެ ވެރިކަމަކީ ރައްޔިތުން ރައީސާ ޕާކް އާ ހަވާލުކޮށްފައިވާ އަމާނާތެއް ކަމަށް ސިފަކޮށް އެއަމާނާތަށް އެކަމަނާ ޚިޔާނާތްތެރިވެ ވަޑައިގެންފައިވާ ކަމުގެ އަޑުތައް އުފުލާފައެވެ.

ދެކުނު ކޮރެޔާގެ ސަރުކާރުގެ އެންމެ މަތީ މަޑިއަށް ބާރާއި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެވިފައިވަނީ ރައީސާ ޕާކް ގެ އަންހެން ރަހްމަތްތެރިއެއް ކަމަށްވާ ޗުވީ ސުން ސީލްގެ މައްޗަށެވެ. ރައީސާ ޕާކް ގެއުން ހައި ވަނީ އެކަމަނާގެ މުސްތަޝާރުންގެ ތެރެއިން ދިހަ މީހަކު ވަޒީފާއިން ވަކިކުރުމަށް ނިންމަވާފައެވެ. އަދި އެކަމަނާގެ އޮފީހުގެ މުވައްޒަފުންގެ ވެރިޔާ ޗީފް އޮފް ސްޓާފް ވަނީ ދާދިފަހުން މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރައީސާ ޕާކްގެ އަންހެން ރަހްމަތްތެރިޔާ ދެކުނު ކޮރެޔާގެ ސަރުކާރުގެ ކަންކަމުގެ ތެރެއަށް ތެރެއަށް ވަދެ ނުފޫޒު ހިންގަމުން ގެންދާކަމަށް ތުހުމަތު ކުރެވިފައިވާ މައްސަލަ އެގައުމުގެ ޕޮރޮސެއިޓަރު ޖެނެރަލް ވަނީ ތަހްގީގް ކުރައްވަން ފައްޓަވާފަ އެވެ. އެ ތަހްގީގުގައި ފުލުހުންގެންދަނީ ޝައްކުކުރެވޭ ތަންތަނަށްވަދެ ކޮންޕިއުޓަރު ތަކާއި ލިޔެކިޔުންތައް އަތުލައި އެތަކެތި ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށަށް ގެންނަމުންނެވެ. ފުލުހުން ވަންނަ ތަންތަނުގެ ތެރޭގައި ރައީސާ ޕާކްގެ އިސް އެހީތެރިންގެ އޮފީސްތަކާއި އެބޭފުޅުންގެ ގެދޮރު ވެސް ހިމެނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް