ގާސިމާ ބައްދަލު ކުރެއްވުމަށް މައުމޫން ކުނޫޒަށް

މ. ކުނޫޒަށް މައުމޫން ވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލު ކުރެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒަށް ވަޑައިގަންފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު "ސަން"އަށް ވިދާޅުވީ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް މައުމޫން، ގާސިމާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ބައްދަލުކުރެއްވުމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

މިއީ މި ދެ ބޭފުޅުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ބައްދަލު ކުރެއްވުމަށްފަހު، އަލުން ބައްދަލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައީސް މައުމޫން ގާސިމް އަރިހަށް ވަޑައިގަންނަވާ މި ދަނޑިވަޅަކީ ޕީޕީއެމްގެ އެތެރޭގެ ބައިބައިވުން ބޮޑުވެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ކޮންޓުރޯލް ކުރަމުންދާ ދުވަސްވަރެކެވެ. އަދި ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދެވިކަން ރައީސް މައުމޫން އިއުލާން ކުރައްވާފައިވާ ދަނޑިވަޅެކެވެ.

ޖުމްހޫރީ ޕާޓީން މީގެ ކުރިން ހާމަކޮށްފައި ވަނީ އެ ޕާޓީއަކީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށާއި ކޮންމެ ފަރާތަކާއެކު ވެސް އެ ޕާޓީން މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށެވެ.

comment ކޮމެންޓް