ސިޔާސީ މަސްރަހުގައި ރައީސް މައުމޫން ފަހަތަށް ޖެހިވަޑައިގެން، ރައީސް އަބްދުﷲ ޔާމީން އަށް ފުރުސަތު ދިނުމަށް ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަަފީރު ހާލާ ހަމީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ހާލާ ވިދާޅުވީ، ރައީސް މައުމޫން، އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ އަށް ގެނައި ތަރައްގީ އާއި ފާގަތިކަން ހެޔޮހިތުން ބަލައިގަންނަ ކަމަށާއި ނަމަވެސް މިއަދު، އެމަނިކުފާނު ވަނީ "ރިޓަޔާ" ވެފައި ކަމަށެވެ. އެހެން ކަމުން މިއަދު ސަރުކާރު ހިންގުމުގެ ފުރިހަމަ ބާރު ރައީސް ޔާމީނަށް ލިބިފައިވާ އިރު އެމަނިކުފާނަށް ފުރުސަތު ދެއްވަން ޖެހޭ ކަމަށް ހާލާ ވިދާޅުވެފައިވެ އެވެ.
އެ ޕޯސްޓުގައި ހާލާ ވިދާޅުވެފައި ވަނީ މައުމޫނުގެ އެންމެ ދަތި ހިތާމަވެރި ދުވަސްތަކުގަ އާއި އުފާވެރި ދުވަސްތަކުގައި ދެގޮތެއް ނުވެ 18 އަހަރު ވަންދެން ދެމި ހުންނެވި ކަމަށެވެ.
"އަޅުގަނޑު ހަނދާންވޭ 2006 ވަނަ އަހަރު ޖުލައި މަސް ތެރޭގައި ރައީސް މައުމޫން އަޅުގަނޑާ ބައްދަލު ކުރައްވައި ވިދާޅުވި ވާހަކަ. އެމަނިކުފާނު ވިދާޅުވީ ތިމަން މަނިކުފާނު އަޅުގަނޑުގެ ބައްޕަ ވަޒީރުކަމުން ވަކި ކުރި ވާހަކަ. ރައީސް މައުމޫން ސަބަބެއް ކަމަށް ވިދާޅުވީ އެގޮތަށް ނިންމެވީ ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް. އަދި ބައްޕަ ރިޓަޔާމެންޓް އުމުރާ ހަމައަށް އައިސްފައިވުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި. އެއްވެސް އުޒުރަކާ ނުލައި އަޅުގަނޑުގެ ބައްޕަ އެ ނިންމުން ގަބޫލުކޮށް، މަގާމުން ވަކިވާން ނިންމި،" ރައީސް މައުމޫނަށާއި ރައީސް އަބްދުﷲ ޔާމީން އަށް ބޮޑުބޭބެ ވިދާޅުވާ ހާލާ ވިދާޅުވެފައިވެ އެވެ.
ހާލާ ވިދާޅުވީ އެދުވަހު އެކަމަނާގެ ބައްޕަ ކަންތައް ކުރެއްވި ގޮތަށް މިއަދު މައުމޫން ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ގައުމު ހިންގުމަށާއި ސިޔާސީ މަސްރަހުގައި ރައީސް ޔާމީނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ހާލާ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ހާލާ ވިދާޅުވެފައި ވަނީ ރައީސް މައުމޫން ވަޑައިގަންނަވަނީ އެމަނިކުފާނަށާއި އެމަނިކުފާނުގެ ދަރިންނަށް ބާރު ހޯއްދަވައިދެއްވުމަށް ކަމަށެވެ.
"މައުމޫންގެ މަގްސަދަކީ އެމަނިކުފާނުގެ ބާރާއި ދަރިންގެ ބާރު ގައުމުގައި ގަދަ ކުރަން. އެމަނިކުފާނުގެ ހަތަރު ދަރިންނަށް ވެސް ސަރުކާރުގެ މަތީ މަގާމުތައް ދިން. އެ ފުރުސަތުތައް ބޮލާލައި ޖެހުމަކީ އެއީ ވަކި ކަމެއް،" ހާލާ ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަން، ޚާއްސަކޮށް ޕީޕީއެމް ތެރޭގައި ހިނގަމުންދާ ކަންކަމާ މެދު ހައިރާވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވަމުން ހާލާ ވިދާޅުވީ އެކަންކަމާ ގުޅިގެން ވަރަށް ހިތް ނުތަނަވަސްވާ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ގެންނަން ޕީޕީއެމް އިން ކުރަމުން އައި މަސައްކަތް މިއަދު އެޕާޓީ ތެރެއިން ފެންނަން ނެތުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާލާ ވިދާޅުވީ، ރައީސް މައުމޫންގެ ރިޔާސީ ދައުރުގައި އެމަނިކުފާނާ އެކު ސާބިތުވެ ހުންނެވި ފަދައިން ރައީސް ޔާމީނާ އެކު ވެސް ދެގޮތެއް ނުވެ ދެމިހުންނަވާނެ ކަމަށެވެ.