ޕީޕީއެމްގެ ހުރިހާ ސާމާނެއް ދަރުބާރުގެއަށް، ޔާމީން ފެކްޝަނުން ބުނީ އޮފީސް ބޭނުންނުވާ ކަމަށް

ޕީޕީއެމް އޮފީހުގައި ހުރި ސާމާނުތައް ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ނެރެނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހ. ތެމާގައި ހިންގަމުން އައި ޕީޕީއެމް އޮފީސްގައި ހުރި ހުރިހާ ސާމާނެއް ދަރުބާރުގެއަށް ގެންގޮސްފިއެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ސަން އަށް ވިދާޅުވީ ދަރުބާރުގެއަށް އެތަކެތި ގެންދިޔުމަށްފަހު ހ. ތެމާގައި ހިންގަމުން އަންނަ އޮފީހުގައި އެއްވެސް ކަމެއް ކުރަން ޕީޕީއެމްގެ ހިންގުން ކޯޓުން ހާވާލުކޮށްފައިވާ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވާ ފަރާތްތަކުން ބޭނުންނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ނަމުގައި ގަނެފައި ހުންނަ މުދަލަކީ ޕާޓީގެ މިލްކިއްޔާތެއް ކަމަށާއި ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު އެ މުދަލާ ހަވާލުވާންޖެހޭނެ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް މިއީ އެކެއްގެ މައްޗަށް އެކުލެވޭ ޕާޓީއެއް ނޫން. ނުވަތަ ދެ މީހެއްގެ މައްޗަށް އެކުލެވިގެންވާ ޕާޓީއެއް ނޫން. މިއީ އެތައްހާސް ރައްޔިތުންގެ މައްޗަށް އެކުލެވިގެންވާ ޕާޓީއެއް. ޕާޓީ ހިންގުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" އަސްއަދު ވިދާޅުވިއެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ އަށް ލޮރީގެ ސާމާނު ދަރުބާރުގެއަށް ގެންގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް