ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ އަހުމަދު ފާރިސް މައުމޫނާއި ޕީޕީއެމް ކައުންސިލް މެމްބަރު އައިމިނަތު ނާދިރާގެ އެ ޕާޓީން ވަކިކުރި މައްސަލަ ސިވިލް ކޯޓަށްް ހުށަހަޅައިފި އެވެ.
ފާރިސް އާއި ނާދިރާ ޕީޕީއެމްއިން ވަކިކޮށްފައި ވަނީ އެ ޕާޓީގެ ސުލޫކީ ކޮމިޓީންނެވެ. އެ ކޮމިޓީއަކީ ރައީސް ޔާމީން ފެކްޝަންގެ ގިނަ މެމްބަރުންތަކެއް އެކުލެވޭ ކޮމިޓީ އެކެވެ.
އެ ދެ ބޭފުޅުންގެ ފަރާތުން ގާނޫނީވަކީލު ހުސްނުއްސުއޫދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ފާރިސާއި ނާދިރާ ޕާޓީން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ހުށަހެޅީ އެ ދެ ބޭފުޅުން ވަކިކުރަން ނިންމި ސުލޫކީ ކޮމިޓީގެ ބައްދަލުވުމަކީ ސައްހަ ނޫން ބައްދަލުވުމެއް ކަމަށް ބަޔާންކޮށް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އެ މައްސަލަ ބަލާފައި ވަނީ ސުލޫކީ މައްސަލަތައް ބެލުމާ ބެހޭ ގަވާއިދާ ވެސް ހިލާފަށް ކަމަށެވެ. އަދި މައްސަލަ ހުށަހެޅިކަން އެ ދެ މެމްބަރުންނަށް ވެސް ނާންގައި ޖަވާބުދާރީވުމަށް ފުރުސަތު ނުދީ އެ މައްސަލް ނިންމާފައި ވަނީ އިންސާފުން ބޭރުން ކަމަށް ވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.
ފާރިސާއި ނާދިރާ ޕީޕީއެމުން ވަކިކޮށްފައިވާކަން ސުލޫކީ ކޮމިޓީން އާންމުކޮށް އިއުލާން ކުރި ނަމަވެސް ރައީސް މައުމޫނު ފެކްޝަނުން އެކަން ބަލައެއް ނުގަނެ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ޕީޕީއެމްގެ ދަފުތަރުން ފާރިސާއި ނާދިރާ ވަނީ ވަކިކޮށްފަ އެވެ.