ޕީޕީއެމްގެ މެމްބަރުންގެ އިންތިޚާބީ ހައްގުތައް ރައްކާތެރިކޮށްދެއްވުމަށް ފިޔަވަޅު އަޅައިދެއްވުމަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އަރިހުން އެދިވަޑައިގެންފިއެވެ.
މައުމޫން ބަންޑާރަ ނައިބަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޕާޓީގެ ރިޔާސީ ޓިކެޓު ދޭނެގޮތާއި ރިޔާސީ ޓިކެޓު ދޭނެ ފަރާތެއް ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމާމެދު ޕީޕީއެމް ކައުންސިލް މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވެފައި އޮތުމަކީ ވަންހަނާ ވެފައި އޮތް ކަމެއް ނޫން ކަމަށެވެ.
މައުމޫން ވިދާޅުވީ، ޕްރައިމަރީއާ މެދު ކައުންސިލް މެމްބަރުންގެ މެދުގައި ޚިލާފު އުފެދެން މެދުވެރިވި އަސްލު ސަބަބަކީ ޕްރައިމަރީއެއް ނުބާއްވައި ޕާޓީގެ މުސްތަޝާރަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޓިކެޓު ދިނުމަށް ކައުންސިލްގެ ބައެއް މެމްބަރުން ވަކާލާތު ކުރަން ފެށުމުން ކަށެވެ.
ޕްރައިމަރީއެއް ނުބާއްވައި 2018 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު މުސްތަޝާރަށް ދިނުމަކީ އެޕާޓީގެ އަސާސީ ގަވާއިދާ ޚިލާފު ކަމެއް ކަމަށް ކައުންސިލްގެ ބައެއް މެމްބަރުން ދެކޭ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޕާޓީގެ މެމްބަރުން އިންތިޚާބުކޮށްފައިވާ ގާނޫނީ ރައީސް އެއްފަރާތް ކުރައްވައި ބާރުތައް އަތުލެއްވުމަށް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
އެކަމަކީ ޕީޕީއެމްގެ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށާއި އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާގެ (ނ) ގައި ބުނާގޮތުން "ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި، ޕާޓީގެ ސިޔާސަތު ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫން" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.