ކުޑައައްޔަ ވިލިނގިލި ޕްރޯގެ ޗެމްޕިއަންކަން ހޯދައިފި

އެމްބީބީއޭ ވިލިނގިލި ޕްރޯގެ ޗެމްޕިއަންކަން ހޯދި ކުޑަ އައްޔަ(ވ) --- ފޮޓޯ/ އެމްބީބީއޭ

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެމްބީބީއޭ ވިލިނގިލި ޕްރޯ 2016ގެ ޗެމްޕިއަންކަން ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.

އިއްޔެ ކުރިއަށްދިޔަ އެ މުބާރާތުގެ އެއް ވަނަ ކުޑަ އައްޔަ ހޯދި އިރު، އެ މުބާރާތުގެ ދެ ވަނަ ހޯދާފައިވަނީ އަލީ ޝާމް ރާފިއު އެވެ. އަދި ތިން ވަނަ ހޯދާފައިވަނީ އަލީ ޖާވިދު (ޖާއްޓެ) އެވެ.

ބޮޑީބޯޑިންގައި އަލަށް ތައާރަފްވާ ބޮޑީބޯޑަރުންގެ ތެރެއިން އެންމެ މޮޅު ބޮޑީބޯޑަރު ވެސް ހޮވާފައިވެ އެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ އެ މުބާރާތުގެ "ރޫކީ" އަކަށް ހޮވިފައިވަނީ ލުޝާމް އަމްޖަދު (ލައު) އެވެ. އެ މުބާރާތަކީ ސާފިން އިވެންޓެއްގައި އޭނާ ވާދަކުރި ފުރަތަމަ ފަހަރެވެ.

އެމްބީބީއޭ ވިލިނގިލި ޕްރޯގެ ޗެމްޕިއަންކަން ހޯދި ކުޑަ އައްޔަ(މ)، ދެ ވަނަ ހޯދި ޝާމް(ވ) އަދި ތިން ވަނަ ހޯދި ޖާއްޓެ(ކ) --- ފޮޓޯ/ އެމްބީބީއޭ

ނޮކްއައުޓް ސިސްޓަމަށް ކުރިއަށްދިޔަ އެ މުބާރާތަކީ ރާއްޖޭގެ ތާރީހުގައި ވިލިނގިލީގައި ބޭއްވި އެންމެ ފުރަތަމަ ސާފިން އިވެންޓެވެ. އެ މުބާރާތުގައި 17 ބޮޑީބޯޑަރުން ބައިވެރިވި އިރު، އޭގެ ތެރޭގައި ވިލިނގިލީގެ ހަތަރު ބޮޑީބޯޑަރުން ހިމެނެ އެވެ.

ހުޅުލޭ-މާލޭ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތްތަކާ ގުޅިގެން ރާޅުގަނޑުގައި އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުން މަނާކުރުމުން އެމްބީބީއޭގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިއުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތަށް ކަންތައް ދިމާވުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާ ބޮޑީބޯޑިންގެ ބޮޑެތި މުބާރާތްތަކެއް ބޭއްވުމަށް ގިނަ ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

އެމްބީބީއޭ ވިލިނގިލީ ޕްރޯ 2016 އަކީ ވިލިމާލެ ޕޮލިސް ސްޓޭޝަނާއި، ވިލިމާލެ އެމްޑަބްލިޔުއެސްސީ އާއި، މިސްޓިކްސް ޑިޒައިންސް އާއި، މަހާލޯ ޝޮޕް އަދި ވިލިމާލޭ ސާފިން ކޮމިއުނިޓީގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު މުބާރާތެއް ކަމަށް އެމްބީބީއޭ މައުލޫމާތު ދެއެވެ.

comment ކޮމެންޓް