ރެލިގޭޓްވެފައިވާ ބީޖީ އަތުން ބަލިވެ ވިކްޓަރީ ޕްލޭ އޮފް ކުޅެން ޖެހިއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

އުރީދީ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ގޮސް ދެވަނަ ޑިވިޝަނަށް ރެލިގޭޓު ވެފައިވާ ބީޖީ ސްޕޯޓްސް އަތުން 1-0ގެ ނަތީޖާ އަކުން ވިކްޓަރީ ބަލިވެ ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމަށް ޕްލޭ އޮފް ކުޅެން ޖެހިއްޖެއެވެ.

ލީގުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ވިކްޓަރީ އާއި ބީޖީ މިއަދު ވަނީ އެންމެ ފަހު މެޗު ކުޅެފައެވެ. މިއަދުގެ މެޗުން މޮޅުވި ނަމަވެސް ބީޖީ އޮތީ ތާވަލުގެ ފުލުގައި 17 ޕޮއިންޓާއި އެކުއެވެ. ވިކްޓަރީ އޮތީ ހަތް ވަނާގައި 19 ޕޮއިންޓާއި އެކުއެވެ. ގަދަ ހައެއްގައި ނުހިމެނި ހަތް ވަނަ އަށްދާ ޓީމެއް ޖެހޭނީ ދެ ލެގު އުސޫލުން ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ޓީމާ ދެކޮޅަށް ޕްލޭއޮފް ކުޅޭށެވެ. އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމެކެވެ.

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް އެއްވަނަ ޑިވިޝަނުން ސީދާ ޖާގައެއް ލިބޭނެއެވެ. ދެވަނަ ޑިވިޝަނުގެ ފައިނަލްގައި ކްލަބް ޒެފްރޯލް އާއި ގުރީން ސްޓްރީޓް ނިކުންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ބީޖީ އާއި ވިކްޓަރީ މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިފައިވަނީ ދާދި އެއްވަރެއްގެ ކުޅުމެކެވެ. ނަމަވެސް ވިކްޓަރީއާ ހިލާފަށް ބީޖީއިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

ބީޖީއަށް ގޯލު ޖަހަން އެންމެ ހުސް ފުރުސަތުތަކެއް ލިބުނީ އަހަމަދު އުޝާމް އަށެވެ. ނަމަވެސް އޭނާ ފުރަތަމަ ފޮނުވާލި ހަމަލާ ވިކްޓަރީގެ ކީޕަރު އިބްރާހިމް އިފްރާހު އަރީފް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން އުޝާމް ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު މުޅިން ހުސްކޮށް ހުރެވެސް ވަނީ ގޯލު މަތިން ބޯޅައެއް ފޮނުވާލާފައެވެ.

ބީޖީއިން މާގިނަ ހަމަލާތަކެއް ނޫފެއްދުނު އެމެޗުގައި އޮމަޑޫ ގޮޑްފްރޭ ވެސްޓް ވަނީ މުހައްމަދު ރިޝްވާންއަށް ގޯލު ޖަހާނެ ހުސްފުރުސަތެއް ތަނަވަސް ކޮށްދީފައެވެ. ނަމަވެސް ބީޖީގެ ޕެނަލްޓީ އޭރިއާ ތަރެއަށް ވެސްޓު ހުރަސްކޮށްލި ބޯޅަ ދިޔައީ ރިޝަވާންގެ ފައިގަ ނުޖެހި ގޯލު ކުރިމަތިންނެވެ.

މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު 74 ވަނަ މިނެޓްގައި ބީޖީއަށް ކާމިޔާބުކޮށްދިނީ ބިދޭސީ މިޑުފީލްޑަރު ކިންގްސްލީއެވެ.

comment ކޮމެންޓް