ދިއްދޫ އަތުން ހޯދި އުނދަގޫ މޮޅާއެކު ވިކްޓަރީއަށް ލީގުގައި ޖެހިޖެހިގެން ދެވަނަ މޮޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ ކޮޅަށް ލަނޑު ޖެހުމަށްފަހު ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން-- ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުން، އުތުރުގެ ޗެމްޕިއަން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު އަތުން 4-3 އިން މޮޅުވެ ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގުގައި ޖެހިޖެހިގެން ދެވަނަ ހޯދައިފިއެވެ.

ލީގުގައި ވިކްޓްރީ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޓީސީ ސްޕޯޓްސް ކުލަބު 5-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ދިއްދޫ ކުޅުނު ފުރަތަމަ މެޗުގައި ވަނީ 1-0 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން ތިން ގޯލުގެ ލީޑެއް ނެގި ނަމަވެސް، ދެވަނަ ހާފުގައި ދިއްދޫން ހިތްވަރުގަދަ ކުޅުމެއް ދައްކައި ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް، ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ވިކްޓަރީ ވަނީ މެޗުން މޮޅުވެ، ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 5-1 އިން ބަލިކުރުމަށްފަހު އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓާފައެވެ.

ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް 1-0 އިން ބަލިކުރި ދިއްދޫއަށް މި މެޗުން ބަލިވި ނަމަވެސް އެ ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މެޗުގެ 29 ވަނަ މިނިޓުގައި ވިކްޓަރީއަށް ލީޑު ނަގައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން ކުރިއަށް ޖެހިލި ވަގުތު ބަލާފައި، ދިއްދޫ ހާފުގެ މެދެއްހާ ހިސާބު އަރިމަތިން ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ އޮއްސާލައިގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ ކޮޅަށް ލަނޑު ޖެހުމަށްފަހު ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން-- ފޮޓޯ: އެފްއޭއެމް

އޭގެ ދެ މިނިޓު ފަހުން، 31 ވަނަ މިނިޓުގައި ރިޒޭ ދިން ބޯޅައަކުން ނާއިޒު ހަސަން (ދާދު) ވަނީ ވިކްޓަރީގެ ދެވަނަ ލަނޑު ޖަހާފައެވެ. އަދި 40 ވަނަ މިނިޓުގައި ދިއްދޫގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައަކަށް އަރައި، ކީޕަރު ނައްޓާލުމަށްފަހު ރިޒޭ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ވިކްޓަރީގެ ލީޑު 3-0 އަށް ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެން ނުވަ މިނިޓު ތެރޭގައި ދިއްދޫން ވަނީ ފަރަގު ކުޑަކޮށްފައެވެ. ވިކްޓަރީގެ ކޮލްމަޓޯވް އުގްލީ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ގާނާގެ މިޑްފީލްޑަރު ޓެޓޭ ގިޑިއޯން އެވެ. މެޗުގެ 64 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިޔާ ހުސެއިން ޒިމްޔާން ދިއްދޫގެ ދެވަނަ ލަނޑު ޖެހީ ވިކްޓަރީގެ ކީޕަރު އަބްދުﷲ ޔާމީން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެެއިން--- ފޮޓޯ: އެފްއޭއެމް

އެއަށްފަހު 82 ވަނަ މިނިޓުގައި ދަނޑުގެ މެދެއްހާ ހިސާބުން ޓެޓޭ ފޮނުވާލި ހިތްގައިމު ބޯޅަ ކީޕަރު ޔާމީންގެ ބޯމަތިން ގޯލަށް ވައްދާލައިގެން ދިއްދޫން ނަތީޖާ 3-3 އިން އެއްވަރުކުރިއެވެ.

ނަމަވެސް ދިއްދޫން އެއްވަރުކުރިތާ މިނިޓެއް ފަހުން، 84 ވަނަ މިނިޓުގައި ވިކްޓަރީން އަލުން މެޗުގެ ލީޑު ނެގިއެވެ. މިއީ ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިއްދޫގެ އާދަމް ނަސީމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އިތުރު ވަގުތުގެ ތެރޭގައި ޓެޓޭ ދިއްދޫއަށް އަލުން ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.

comment ކޮމެންޓް