ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗު ވިކްޓަރީއަށް ފަސޭހައެއް ނުވާނެ: މޯހަން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާއި ވިކްޓްރީ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިކްޓްރީގެ ކޯޗު މޯހަން-- ފޮޓޯ: އެފްއޭއެމް

ދިއްދޫން ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެއްކި ކުޅުމާއި ނެރުނު ނަތީޖާ އަށް ބަލާއިރު ދިއްދޫއާ ކުޅޭ މެޗު ވިކްޓަރީއަށް ފަސޭހަވާނެ އެކޭ ނުބުނެވޭނެ ކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ލީގުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން މޯހަން ފާހަގަކުރީ، ދިއްދޫން ލީގުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް 1-0 އިން ބަލިކުރިއިރު ވަރަށް ކޮލިޓީ، ފިޓް އަދި އެޓޭކިން ފުޓްބޯޅައެއް ދައްކާފައިވާ ކަމަށެވެ.

އެހެންކަމުން، އެ މޮޅާއެކު ދިއްދޫ ނުކުންނާނީ އިތުބާރާއެކު ކަމަށްވާތީ، ވިކްޓަރީގެ ކުޅުންތެރިން ވަރަށް ބޮޑަށް ފޯކަސްކުރަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ މެޗުގައި 5-1 އިން ޓީސީ ބަލިކޮށް ތާވަލުގެ ކުރީގައި އޮތް ނަމަވެސް، 18 މެޗު ކުޅޭ ލީގެއްގެ ފުރަތަމަ މެޗަށްފަހު ތަށްޓަށް ވާދަކުރާނެ ޓީމުތައް ކަނޑައެޅުން އަވަސް ކަމަށް މޯހަން ބުންޏެވެ. އަދި ވިކްޓަރީގައި ތިބީ ގަލޮޅު ދަނޑަށް އާ ކުޅުންތެރިންނަށް ނުވާތީ، މެޗުގެ ޕްރެޝަރު ނެގުމުގެ ތަޖުރިބާ ޓީމުގައި އެބަހުރި ކަމަށް އޭނާ ފާހަގަކުރިއެވެ.

މީގެއިތުރުން، ވޯމްއަޕް ތެރޭގައި އިނގިއްޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ފުރަތަމަ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާންޖެހުނު ނަމަވެސް، ޓީމުގައި ތިބި ދިވެހި ކީޕަރުންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މޯހަން ބުންޏެވެ. އަދި 18 މެޗު ކުޅޭ ލީގެއްގެ ފުރަތަމަ މެޗު ނިމުމުން ތަށްޓައް ވާދަކުރާ ޓީމުތަކުގެ ވާހަކަ ދެއްކުން އަދި އަވަސް ކަމަށްވެސް މޯހަން ބުންޏެވެ.

\

comment ކޮމެންޓް