އެމްބީއޭ އެކްސްކޯ މެޖޯރިޓީ، އިންތިހާބުގައި ނާކަމިޔާބުވި މަންޑޭގެ ޓީމަށް!

އިންތިހާބް ކާމިޔާބް ކުރެއްވައި އިސްތިއުފާ ދެއްވުމަށް ފަހު ޝިނާން އޭނާގެ ޓީމްއާ ވާހަކަ ދައްކާލަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ރޭ ބޭއްވި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބުގައި ނާކާމިޔާބްވި އަހަމަދު މަމްދޫހް (މަންޑޭ)ގެ ޓީމަށް އެކްސްކޯގެ މެޖޯރިޓީ ލިބެއްޖެ އެވެ.

އިންތިހާބުގައި ރައީސްގެ މަގާމަށް މަންޑޭއާ ވާދަކޮށް އިންތިހާބްވެ ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާނެވެ. ނަމަވެސް ޝިނާން ވަނީ އިންތިހާބްވެ ވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ޖުމްލަ 29 މެމްބަރު ކުލަބުގެ ތެރެއިން ސިނާންއަށް ލިބިވަޑައިގަތީ 15 ވޯޓެވެ. އެއް ވޯޓުގެ ތަފާތުން އިންތިހާބުން ނާކާމިޔާބްވީ މަންޑޭއެވެ. ނައިބު ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ 15 ވޯޓާއެކު މަންޑޭގެ ޓީމުގައި ހިމެނޭ ހަސަން އިސްމާއިލެވެ. ސިނާންގެ ޓީމުގެ ފަރާތުން ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވި، އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އާރިފް ރިޒާ އަށް ލިބިވަޑައިގަތީ 14 ވޯޓެވެ.

އިންތިހާބް ކާމިޔާބު ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވި ޝިނާން (ކ) އަދި ނައިބް ރައީސްގެ މަގާމުށް ނާކާމިޔާބްވި އާރިފް ރިޒާ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ހަޒާންދާރުގެ މަގާމަށް ހޮވުނީ 15 ވޯޓާ އެކު އަހުމަދު އާދަމެވެ. އޭނާއާ ވާދަކުރި މުހައްމަދު ޒިއާއު އަށް ލިބުނީ 14 ވޯޓެވެ. އެކްސްކޯ އަށް ކްލަބްތަކުން ހޮވާ ފަސް މެމްބަރުންގެ މަގާމަށް 15 ވޯޓާއި އެކު ހޮވުނީ މުހައްމަދު ޝިހާނާއި މުހައްމަދު ވަހީދުއާ ހުސެއިން ސުހެއިލު އަދި އަހުމަދު ނަސީރު އިބްރާހީމެވެ. ހުސެއިން ފަޒީލް އިންތިހާބްވީ 16 ވޯޓާ އެކުއެވެ. އަމިއްލަ މެމްބަރުގެ މަގާމަށް ހޮވުނީ 15 ވޯޓާ އެކު ހުސެއިން އަމީނެވެ. އޭނާއާ ވާދަކުރި މުހައްމަދު ހުޝާމަށް ލިބުނީ 14 ވޯޓެވެ.

އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ހަ މެމްބަރުން ނިސްބަތްވަނީ މަންޑޭގެ ޓީމަށެވެ. އެއީ ނައިބު ރައީސް ހަސަން އިސްމާއިލާއި ހަޒާންދާރު އަހުމަދު އާދަމާއި އަމިއްލަ މެމްބަރު އަމީނުގެ އިތުރުން އެކްސްކޯ އަށް ކްލަބްތަކުން އިންތިހާބުވި މެމްބަރުންގެ ތެރެއިން ފަޒީލާއި ސުހެއިލާއި ނަސީރެވެ. ސިނާންގެ ޓީމުން އިންތިހާބުވީ އޭނާގެ އިތުރުން އެކްސްކޯ އަށް ކްލަބްތަކުން އިންތިހާބުވި މެމްބަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު ވަހީދުއާ ޝިހާނެވެ.

އިންތިހާބަށް ފަހު 'ސަން' އަށް ދިން އިންޓަވިއުއެއްގައި ނައިބް ރައީސްގެ މަގާމަށް އިންތިހާބްވެވަޑައިގެންނެވި ހަސަން އިސްމާއިލް ވިދާޅުވީ ދެޓީމެއްގެ ގޮތުގައި އިންތިހާބްގައި ވާދަވެރިކަން ފެނުނު ނަމަވެސް ދެން އެވާދަވެރިކަމެއް ނޯންނާނެ ކަމަށާއި ހުރިހާ މެމްބަރުން އެއްކޮށް ބާސްކެޓް ކުރިއެރުވުމަށް މަސަތްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

comment ކޮމެންޓް