ޕާޓީ ހިންގުމުގެ ބާރުތައް އެމަނިކުފާނަށް ދޫކޮށްލެއްވުމަށް ޔާމީނު އަރިހުން މައުމޫން އެދިވަޑައިގެންފި

މިނިވަން ފަންސާހުގެ ޝަރަފުގެ އައްޑަނަ ރައީސް ޔާމީން ރައީސް މައުމޫންނަށް އަރުވަނީ: ޕީޕީއެމްގެ ތެރޭގައި މިހާރު ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ޕާޓީގެ ހިންގުމުގެ ހުރިހާ ބާރެއް އެމަނިކުފާނަށް ދޫކޮށްލެއްވުމަށް މައުމޫން ވަނީ ޔާމީނު އަރިހުން އެދިވަޑައިގެންފައި-- ސަން ފައިލް ފޮޓޯ

ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް އެމަނިކުފާނަށް ދޫކޮށްލެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެޕާޓީގެ މުޝްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކިބައިން އެދިވަޑައިގެންފިއެވެ.

މައުމޫން އެކަމަށް އެދިވަޑައިގަތީ ބުރާސްފަތި ދުވަހު އެމަނިކުފާނު ރައީސް ޔާމީނަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި މައުމޫން ވިދާޅުވީ، މިހާތަނަށް ޕީޕީއެމް ހިންގަމުން ގެންގޮސްފައި ވަނީ 2013 ވަނަ އަހަރު ބޭއްވި ގައުމީ ޖަލްސާއިން ފާސްކޮށްފައިވާ އަސާސީ ގަވާއިދުގެ ދަށުން، އެ ޖަލްސާއިން އިންތިޚާބުކޮށްފައިވާ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކަމަށެވެ.

ޕާޓީގެ އަސާސީ ގަވާއިދުގެ 51 ވަނަ މާއްދާގައި ވަނީ ޕާޓީގެ ރައީސަކީ ޕާޓީ ހިންގުމުގެ އިސްވެރިޔާ ކަމަށާއި އަދި އެ ގަވާއިދުގެ 52 ވަނަ މާއްދާގެ (ހ)ގެ އެކެއްގައި ބަޔާންކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ ޖަލްސާގެ ނިންމުންތަކާއި ޕާޓީގެ ސިޔާސަތުތަކާއި ކައުންސިލްގެ ނިންމުންތަކާ އެއްގޮތްވާގޮތުގެމަތިން ޕާޓީ ހިންގުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މައުމޫން ވިދާޅުވީ، އެކަންތައްތައް އެހެންހުރިއިރު، ޕާޓީގެ އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާގެ (ނ)ގައި ވަރަށް ސަރީހަކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުން ޕާޓީގެ މުޝްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނާނެ ފަރާތެއް ނޫން ކަމަށެވެ. އެހެންކަމުން ޕާޓީގެ މުޝްތަޝާރުގެ ހައިސިއްޔަތުން ޕާޓީ ހިންގުމާ ރައީސް ޔާމީން ހަވާލުވެވަޑައިގަތުމަކީ ޕާޓީގެ ކައުންސިލުން ދެކޭގޮތުގައި އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

އެކަމަކީ އަސާސީ ގަވާއިދު ތަންދޭކަމަކަށްނުވާއިރު، ރައީސް ޔާމީން ޕާޓީގެ ހިންގުމާ ހަވާލުވެވަޑައިގަތުމަކީ އެކަމުގެ ސަބަބުން ޕާޓީގައި ބައިބައިވުން އުފެދި، ޕާޓީ ރޫޅިގެންދިޔުން އެކަށީގެންވާ ކަމެއް ކަމަށް ކައުންސިލުންދެކޭ ކަމަށް މައުމޫން ވިދާޅުވިއެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބުކުރުމަށް ހައްލުވެސް ނުކުރެވޭވަރުގެ ހުރަސްތަކާއި ދަތިތައް ޕާޓީއަށް މެދުވެރިވާނެ ކަމަށް ކައުންސިލުންދެކޭ ކަމަށް މައުމޫން ވިދާޅުވިއެވެ.

އެ ސަބަބުތައް އެހެން ހުރުމުން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުން ނިންމާފައި ވަނީ ސިވިލް ކޯޓުން މިހާރު ނެރެފައިވާ އަމުރަށް އަމަލުކުރުން ހުއްޓާލުމަށް އިލްތިމާސްކޮށް ޕާޓީގެ މުސްތަޝާރަށް ދެންނެވުމަށް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ، ޕީޕީއެމް އަކީ ޕާޓީގެ އަސްލު މަގުސަދުތައް ހާސިލުކުރުމަށް ސާބިތުކަމާއެކު މަސައްކަތްކުރާ އެއްބައިވަންތަ، ކާމިޔާބު ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި، ކައުންސިލްގެ އެ ދެންނެވުމަށް ރައީސް ޔާމީން އިޖާބާދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް