ލަންކާއިން ދިވެހީންނަށް މުހިންމު ފުރުސަތުތައް ޝޯކޭސްކޮށްދޭ "ފީލް ސްރީލަންކާ" މައުރަޒު އަންނަ ހަފްތާގައި!

ފީލް ސްރީލަންކާ މައުރަޒު އިންތިޒާމުކުރާ ކޮމިޓީގެ އިސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސްރީލަންކާއިން އެކި ދާއިރާތަކުން ދިވެހީންނަށް ލިބޭނެ ޚިދުމަތްތަކާއި ފުރުސަތުތައް އަންގައިދިނުމަށް "ފީލް ސްރީލަންކާ: ސިންގަލް ކަންޓްރީ އެގްޒިބިޝަން"ގެ ނަމުގައި ޚާއްސަ މައުރަޒެއް އަންނަ ހަފްތާގައި ބާއްވާނެއެވެ.

"ފީލް ސްރީލަންކާ" މައުރަޒަކީ، ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އޭސް ޓްރެވަލްސްއާއި ސްރީލަންކާގެ އެޓްކެން ސްޕެންސް ކޮންވެންޝަންސް އެންޑް އެގްޒިބިޝަންސް ގުޅިގެން އިންތިޒާމުކޮށް، ބާއްވާ މައުރަޒެކެވެ.

އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފަށާ މި މައުރަޒަކީ ހަމައެކަނި ސްރީލަންކާއަށް ޚާއްސަކޮށްގެން، އެގައުމުން ދިވެހީންނަށް ލިބޭ ގިނަ ޚިދުމަތްތައް ދިވެހީންނަށް އަންގައިދިނުމަށް ބާއްވާ މައުރަޒެކެވެ.

މި މައުރަޒު އިންތިޒާމުކުރާ، އޭސް ޓްރެވަލްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، މި އެގްޒިބިޝަނަކީ ސްރީލަންކާ ޝޯކޭސް ކޮށްދޭ އެގްޒިބިޝަނެއް ކަމަށާއި މިއީ މިފަދައިން ރާއްގޭޖައި ބާއްވާ ފުރަތަމަ ހަރަކާތް ކަމަށެވެ.

"ސްރީލަންކާއިން ދިވެހީންނަށް އެންމެ މުހިންމު، އެންމެ މައިގަނޑު ތިން ކަމަކަށް ބަހާލައިގެން މި ހަރަކާތް ބާއްވަނީ. އެއީ އިންޑަސްޓްރިއަލް، އެޑިއުކޭޝަން އަދި ހެލްތު،" ފިރާގު ވިދާޅުވިއެވެ.

ފީލް ސްރީލަންކާ މައުރަޒު ކުރިޔަށް ދާނީ އަންނަ ބުރާސްފަތު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު މެންދުރު 2:00 އިން ރޭގަނޑު 11:00 އަށެވެ.

މި މައުރަޒު ބާއްވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. މައުރަޒަށް ވަނުން ހަމަޖެހިފައި ވަނީ ހިލޭއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި، ފީލް ސްރީލަންކާ މައުރަޒުގެ އޯގަނައިޒަރުން ބުނީ، މި މައުރަޒުގައި މައިގަނޑު ތިން ކަމެއް ކުރިޔަށް ދާނެ ކަމަށެވެ. އެއީ ވިޔަފާރީގެ މައުރަޒަކާއި، ތައުލީމާ ބެހޭ މައުރަޒެއްގެ އިތުރުން ހެލްތު މައުރަޒެކެވެ. މި ތިން ދާއިރާއަކީ، ދިވެހީން ސްރީލަންކާއަށް ގޮސް ޚިދުމަތް ހޯދާ މައިގަނޑު ތިން ދާއިރާއެވެ.

1. ޓްރޭޑް އެންޑް އިންޑަސްޓްރީ އެގްޒިބިޝަން: މި މައުރަޒުގައި ސްރީލަންކާގެ 30 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބައިވެރިވާނެ. އޭގެ ތެރޭގައި ފަރުނީޗަރާއި، އިންޖިނިއަރިންގް ޕްރޮޑަކްޓްސްއާއި، ވޯޓާ ޕްރޫފިންގް ކޮމްޕެނީތަކާއި، ޓެކްސްޓައިލްސްއާއި، އެއާ ކޮންޑިޝަނަރާއި ކޮސްމެޓިކްސްގެ އިތުރުން އައިޓީ ކުންފުނިތަކުން ބައިވެރިވާނެ.

2. ހެލްތު އެގްޒިބިޝަން: މި މައުރަޒުގައި ސްރީލަންކާގައި ސިއްހީ ޚިދުމަތް ދޭ 10 ހޮސްޕިޓަލަކާއި މަރުކަޒަކުން ބައިވެރިވާނެ. އޭގެ ތެރޭގައި މަޝްހޫރު ލަންކާ ހޮސްޕިޓަލްސްއާއި ނަވަލޯކަ ހޮސްޕިޓަލް ހިމެނޭ. މި އެގްޒިބިޝަނުގެ ދަށުން މި ހޮސްޕިޓަލްތަކުގެ ސްޕެޝަލިސްޓުންގެ ފަރާތުން، ސިއްހީ ރިޕޯޓުތަކަށް ސެކަންޑް އޮޕީނިއަން ހޯދޭނެ. އަދި ހެލްތު ޗެކަޕްގެ ޚިދުމަތް ހިލޭ ލިބޭނެ.

3. ސްރީލަންކާ އެޑިއުކޭޝަން އެކްސްޕޯ: ސްރީލަންކާގައި މަތީ ތައުލީމު އުނގެނުމަށް ހުރި ފުރުސަތުތައް އަންގައިދިނުމަށް ލަންކާގެ 20 ކޮލެޖަކާއި ޔުނިވާސިޓީތަކުން ބައިވެރިވާނެ. ސްކޮލަޝިޕްގެ ފުރުސަތުތައް ލިބޭނެ.

މި ތިން މައުރަޒުގެ ހަވާސާގައި ވެސް އިތުރު ތިން ހަރަކާތެއް "ފީލް ސްރީލަންކާ" މައުރަޒުގައި ކުރިޔަށް ދާނެއެވެ. އޭގެ ތެރޭގައި ދިވެހި ވިޔަފާރިވެރިންނާއި ލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން އުފެއްދުމަށް ބާއްވާ ބިޒްނަސް ފޯރަމަކާއި، އަންނަ ބުރާސްފަތި ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ބާއްވާ މިއުޒިކް ޝޯއެއްގެ އިތުރުން، މައުރަޒު ކުރިޔަށްދާ ތިން ދުވަހު ދަރުބާރުގޭގައި ކުރިޔަށްދާ ފުޑް ފެސްޓިވަލެއް ހިމެނެއެވެ.

ފީލް ސްރީލަންކާ: ސިންގަލް ކަންޓްރީ އެގްޒިބިޝަނުގެ ޓައިޓަލް ސްޕޮންސާއަކީ ކޮކާކޯލާއެވެ.

comment ކޮމެންޓް