ޓެސްޓެއް ހުއްޓުވި ކަމަށް ބުނެ، ގުރުއާނާ ބެހޭ މަރުކަޒުގެ ދަރިވަރުން މުޒާހަރާކޮށްފި

ގުރުއާނާ ބެހޭ މަރުކަޒުގެ ދަރިވަރުން މުޒާހަރާ ކުރަނީ-- ސަން ފޮޓޯ/ އަހުމަދު އާޒިފް

ޓެސްޓެއް ހުއްޓުވާލި ކަަމަށް ބުނެ، ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާއާ ދެކޮޅަށް އަޑު އުފުލައި، އޭނާގެ އިސްތިއުފާއަށް ގޮވާލައި އެ މަރުކަޒުގެ ދަރިވަރުންތަކެއް މިއަދު މުޒާހަރާކޮށްފި އެވެ.

މުޒާހަރާ ކޮށްފައި ވަނީ ގުރުއާނާ ބެހޭ މަރުކަޒުގައި ގުރުއާން ޓީޗިން ޑިޕްލޮމާ ހަދަމުންދާ 40 ދަރިވަރެކެވެ.

މުޒާހަރާ ކުރަމުންދާ ދަރިވަރުން ބުނީ މުޒާހަރާއަށް ނުކުތީ އެ ދަރިވަރުން މިއަދު ހަދަމުން ދިޔަ ޓެސްޓެއް ހުއްޓުވާފައިވާތީ އާއި އެ މަރުކަޒުގެ ހިންގުން ދޯދިޔާވަމުންދާތީ ކަމަށެވެ.

އެ ދަރިވަރުން ބުނި ގޮތުގައި ގުރުއާން ޓީޗިން ޑިޕްލޮމާ ހަދަމުންދާ ދަރިވަރުން ގުރުއާނާ ބެހޭ މަރުކަޒުގައި ކިޔަވާނެ ފަހު ދުވަހަކީ މިއަދު ކަމަށާއި ކިޔެވުން ދިގުދެމިގެންދާނެ ގޮތަށް ކަންކަން އިންތިޒާމު ކުރާތީ ކަންބޮޑުވާ ކަމަށެވެ.

"އެގޮތުން މިއަދު ޓެސްޓް ހަދަމުން ދަނިކޮށް ކުއްލި ގޮތަކަށް އަޅުގަނޑުމެންގެ ޓެކްސް ހުއްޓުވާފައި ވަނީ. އެކަމާ ކަންބޮޑުވެގެން މުޒާހަރާ ކުރީ،" މުޒާހަރާ ކުރަމުންދާ ދަރިވަރަކު ބުންޏެވެ.

"ނައިބު ރައީސް ޖިހާދު މިއަދު މިތަނަށް ވަޑައިގެންނެވި ވަގުތާއި މިކަން ދިމާވުމަކީ އިއްތިފާގެއް. އެމަނިކުފާނު ވަޑައިގެންނެވުމުން އެކަންބޮޑުވުން އެމަނިކުފާ ހިއްސާ ކުރުމަށް މުޒާހަރާ ކުރީ."

ގުރުއާނާ ބެހޭ މަރުކަޒުގެ ދަރިވަރުން މުޒާހަރާއަށް ނުކުތުމުން، ފުލުހުން އެ ސަރަހައްދުގެ އަމަން ބަލަހައްޓަނީ --- ސަން ފޮޓޯ/ އަހުމަދު އާޒިފް

ޓެސްޓު ހުސްޓުވާލީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ އަށް ނޭނގި އެތަނުގައި ޓެސްޓެއް ނުބޭއްވޭނެ ކަމަށް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވި ކަމަށް ސަންއާ ވާހަކަދެއްކި އެ މަރުކަޒުގެ ދަރިވަރު ބުންޏެވެ.

މުޒާހަރާ ކުރަމުންދާ ދަރިވަރުންދަނީ އެތަނުގެ ހިންގުމާ ގުޅޭ ގޮތުން ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ.

މިކަމާ ބެހޭގޮތުން ގުރުއާނާ ބެހޭ މަރުކަޒުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް