ހިއްސާގެ ބާޒާރަށް ނުކުތް ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކުންފުންޏަށް ބީއެމްއެލް އިން އެހީތެރިވަނީ

ހިއްސާގެ ބާޒާރަށް ނުކުތް ރާއްޖޭގެ ފުރަތަމަ ޕްރައިވޭޓް ކުންފުންޏަށް އެހީވުމަށް ބީއެމްއެލް އިން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ބީއެމްއެލް

ހިއްސާގެ ބާޒާރަށް ނުކުންނަ ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކުންފުނީގެ އިނިޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އަށް ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން އެހީތެރިކަން ދޭން ފަށައިފިއެވެ.

އެގޮތުން ކަލެކްޓިންގެ ބޭންކް ނުވަތަ ގަންނަ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކުގެ ގޮތުގައި ބީއެމްއެލް އިން ވަނީ މިއަދު ހެނދުނު ސެންޗޫރިއަން ޕީއެލްސީ އާ އެކު އެގްރީމަންޓްގައި ސޮއިކޮށްފަ އެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ސެންޗޫރިއަން ޕީއެލްސީގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ހާއްސަ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް އާންމުންނަށް ހިއްސާ ގަނެވޭނެ އިންތިޒާމް ބޭންކުންވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރު ކުލްދީޕް ޕަލިވާލް ވިދާޅުވީ ސެންޗޫރިއަން ޕީއެލްސީ އިން އާ ހަރުފަތަކަށް ދިޔުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

އެގޮތުން ހިއްސާގެ ބާޒާރުގައި އެ ކުންފުނި ލިސްޓްކުރުމަކީ ކުންފުނީގެ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް ބޭނުންވާ ކެޕިޓަލް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި ގައުމުގެ އިގްތިސާދު ކުރިއެރުވުމުގައި ހިއްސާގެ ބާޒާރު ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ކުންފުނިތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އޮތް ރަނގަޅު މަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސެންޗޫރިއަން ޕީއެލްސީ އަކީ ޝިޕިން އަދި ލޮޖިސްޓިކް އެންމެހާ ހިދުމަތްތައް ދޭ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

ހިއްސާގެ ބާޒާރަށް ނިކުންނަ ރާއްޖޭގެ ކުންފުނިތަކަށް ބީއެމްއެލް އިން އެހީވާން ފަށާފައިވާ އިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 29 ބްރާންޗް، 76 އޭޓީއެމް، 3900 ޕީއޯއެސް މަރޗަންޓުން، 177 ކޭޝް އޭޖެންޓުން، 16 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ ހިދުމަތް ބީއެމްއެލް އިން އަންނަނީ ދެމުންނެވެ.

އޭގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް އަމާޒު ހިފާފައި ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

comment ކޮމެންޓް