މާލޭ ބާޒާރުން ރާއްޖޭގައި ހައްދާ ގިތެޔޮ މިރުސް ހުސްވެއްޖެއެވެ.
މިރުހަކީ ދިވެހީން ކައިއުޅޭ ކާނާގެ ބާވަތްތައް ތައްޔާރުކުރުމުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތެވެ.
މިހާރު މާލޭގެ ބާޒާރުގައި މިރުސް ކިލޯއެއްގެ އަގު ހުރީ 380 ރުފިޔާއާއި 400 ރުފިޔާއާ ދެމެދުގައެވެ. ކުރިން މިރުސް ކިލޯއެއްގެ އަގު ހުރީ 250 ރުފިޔާއާއި 280 ރުފިޔާއާ ދެމެދުއެވެ.
އޭޕްރީލް 28، 2021: މިރުސް -- ސަން ފޮޓޯ/ ފަޔާޒު މޫސާަ
"ސަން"އަށް މައުލޫމާތު ދެމުން މިރުސް ވިއްކުމުގައި އުޅޭ ވިޔަފާރިވެރިއަކު ބުނީ މިހާރު ބާޒާރުގައި އެއްވެސް ވަރަކަށް ރާއްޖޭގައި ހައްދާ މިރުސް ނެތް ކަމަށެވެ. ކޮންމެ ވެސް ވަރަކަށް ބޭރުން ގެނެސްގެން ވިއްކާ މިރުސް ބާޒާރުގައި އެބަހުރި ކަމަށާއި މިހާރު ބާޒާރުން މިރުސް ހުސްވެފައިވާ ކަމުގައި އެ މީހާ ބުންޏެވެ.
އެ މީހާ ބުނީ، މާލޭގެ ބާޒާރުން މިރުސް ހުސްވަނީ އަތޮޅުތެރޭގެ ރަށްރަށުން މާލެއަށް މިރުސް އެތެރެނުކުރެވޭތީ ކަމަށެވެ. އަދި، މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިރުސް ގެނެވޭނެ ގޮތެއް ވެސް ނެތް ކަމަށް އެ މީހާ ބުންޏެވެ.

މާރުކޭޓުގައި މީހަކު ކަނޑުދޫ މިރުސް ހޮވަނީ: ޔުގެންޑާ މިރުހާއި އެކު މަދު ގޮޅިއެއްގައި ކަނޑޫދޫ މިރުސް ހުރި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
މާލޭގެ ބާޒާރަށް މިރުސް ގެންނަނީ ތ. ކަނޑޫދޫއާއި ލ. ގަމުންކަން ފާހަގަކޮށް އެ މީހާ ބުނީ، މި ރަށްރަށުގައި ހައްދާފައިވާ މިރުސް ދަނޑުތައް ވިއްސާރައިގައި ފެން ބޮޑުވެ، ގެއްލުންވެފައިވާ ކަމަށެވެ. އަދި، ވައިގަދަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ މިރުސް ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.