މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ގުޅިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގައި 200 އަށްވުރެ ގިނަ މީހުން ލޭ ހަދިޔާކޮށްފި އެވެ.
ސްޓެލްކޯއިން ބުނީ އޭގެ ތެރޭގައި އަންހެން 30 މުވައްޒަފުން ވެސް ލޭ ހަދިޔާކޮށްފައިވާ ކަމަށެވެ. އެ ޕްރޮގްރާމަކީ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ބެލުމުގެ ދަށުގައި ތިބި ކުދީންނަށް އެހީވުމުގެ ބޭނުމުގައި އެ ކުންފުނިން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މިއަދު ހެނދުނު ސްޓެލްކޯގައި އެ ޕްރޮގްރާމް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝަކޫރު ޞާލިހާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ސައުދާ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ބުނީ އެ ސާވިސަސް އަކީ ތެލަސީމިއާ ކުދީންނަށް ލޭއެޅުމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކަށް ވާތީ، ތެލަސީމިއާ ކުދީންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމްކުރުމުގެ މަގްސަދުގައި އެ ސާވިސަސް އިން ތަފާތު މުއައްސަސާތަކާއި ގުޅިގެން ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށެވެ.
އެގޮތުން މިއަރުގެ މިހާތަނަށް 31 ބްލަޑް ކޭމްޕް ބޭއްވި އެކޭމްޕް ތަކުން ޖުމްލަ 1106 ޕައިންޓް ލޭ ލިބިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އެހެންކަމުން އެފަދަ ބްލަޑް ކޭމްޕްތައް އެ ސާވިސަސްއާއި ގުޅިގެން ރާވާ ހިންގި ހުރީހާ މުއައްސަސާ ތަކަށާއި އަދި އެ ކޭމްޕްތަކުގައި ލޭހަދިޔާ ކުރެއްވި އެންމެހާ ޑޯނަރުންނަށް ވަރަށް އިހުލާސްތެރި ކަމާއި އެކު އެ އިދާރާއިން ޝުކުރު އަދާކުރެ އެވެ.
އެ ސާވިސަސް އަށް ދުވާލެއްގެ މައްޗަށް 30-25 ޕައިންޓް ލޭ ބޭނުންވާ ކަމަށާއި ހަފްތާއެއްގެ މައްޗަށް 150 ޕައިންޓް ލޭ ބޭނުންވާ ކަމަށް ބްލަޑް ސާވިސަސް އިން މައުލޫމާތުދެއެވެ. އެހެންކަމުން އެ އިދާރާގެ އެދުމަކީ ބްލަޑް ކޭމްޕްތަކުގައި ވީހާގިނަ އަދަދެއްގެ ބޭފުޅުން ލޭހަދިޔާ ކުރުން ކަމަށެވެ.