މޯލްޑިވިއަންގެ ފްލައިޓްތަކުގައި ވެސް ސެމްސަންގް ނޯޓު 7 އެރުވުން މަނާކޮށްފި

މޯލްޑިވިއަން، ފުލައިޓް--ސަން ފޮޓޯ: މާހިލް

ބެޓެރީ ދޮން ބޮޑުވެ، ބެޓެރީގައި ރޯވާ މައްސަލަ ދިމާވުމުގެ ސަބަބުން ވިއްކުން ރަސްމީކޮށް ހުއްޓާލާފައިވާ ސެމްސަންގް ގެލެކްސީ ނޯޓު 7 ފޯނުތައް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކަށް އެރުވުން މަނާކޮށްފި އެވެ.

ދަތުރުކުރުމުގައި ސަމާލުވުމަށް އަންގާ މޯލްޑިވިއަން އިން މިއަދު ބުނީ، އެ ކުންފުނީގެ ފްލައިޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ އަތުގައާއި ކެރީއޮން ބެގޭޖް އަދި ޗެކްޑް އިން ބެގޭޖްގެ އިތުރުން އެއާ ކާގޯ މެދުވެރިކޮށް ވެސް ސެމްސަންގް ނޯޓު 7 ގެ ފޯނުތައް ނުގެންދެވޭނެ ކަމަށެވެ.

އެ ނިންމުމުގައި މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓްތަކުގައާއި ސީޕްލޭން ފްލީޓްތަކަށް ވެސް ސެމްސަންގް ނޯޓު 7 ބޭނުމެއް ނުކުރެވޭނެ އެވެ.

ފްލައިޓުގައި ސެމްސަންގް ގެލެކްސީ ނޯޓު 7 ބޭނުންކުރުން މަނާކޮށްފައިވާ އެހެން އެއާލައިންތަކަށް ބަލާއިރު، އެމިރޭޓްސް، އެއާ ފްރާންސް، ކުވަންޓަސް، އެމެރިކަން އެއާލައިންސް، ކޭއެލްއެމް އަދި ޕާކިސްތާން އިންޓަނޭޝަނަލް އެއާވޭސް ހިމެނެ އެވެ.

އެ އާލައިންތަކުން ބުނަމުން ދަނީ ގެލެކްސީ ނޯޓް 7 ފޯނު ފްލައިޓަށް އެރުވޭނީ ފަސިންޖަރު އަތުގައި ބާއްވައިގެން ކަމަށާއި، ޗެކް އިން ކޮށް، ދޫކޮށްލާ ބެގޭޖަށް ފޯނު ލުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި ފްލައިޓުގައި ތިބޭ އިރު ގެލެކްސީ ނޯޓު 7 ފޯނު ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށާއި ފްލައިޓު މަތީގައި ފޯނު ޗާޖު ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް އެއާލައިންތަކުން ބުނެ އެވެ.

ބޮޑެތި އުއްމީދުތަކާއެކު ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނިން މިއަހަރު ނެރުނު ގެލެކްސީ ނޯޓު 7 ފޯނު އުފެއްދުމާއި ވިއްކުން މިމަހުގެ 11 ވަނަ ދުވަހު ހުއްޓާލާފައިވަނީ ފޯނުގެ ބެޓެރި ގޮވައި، ބެޓެރީގައި ރޯވާ މައްސަލަ ހައްލުކުރުމަށްފަހު ވެސް، އެ މައްސަލަ ތަކުރާރުވުމުންނެވެ.

comment ކޮމެންޓް