ޕީޕީއެމް ހިންގާނެ މަގެއް ހޯދުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތަކުރާރުކޮށް ހުށަހެޅުމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ބުނެފި އެވެ.
އެ ފެކްޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމަށް އަލަށް ކަނޑައެޅުއްވި ސެކެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީމް ވިދާޅުވީ ކޯޓު އަމުރާއި އެއްގޮތަށް އެ ޕާޓީ ހިންގުމަށް ރައީސް މައުމޫންގެ އަރިހުން އެދިފައިވާނެ ކަމަށާއި ނަމަވެސް އެމަނިކުފާޏު ޖަވާބެއް ނުދެއްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް [ރައީސް މައުމޫންއާއެކު] ބައްދަލުވުމަކަށް ދެވޭ ވަރެއް ނުވޭ، ނަމަވެސް އަޅުގަނޑުމެން މި ދަނީ ކެނޑިނޭޅި ދަންނަވަމުން ބައްދަލުކޮށް މަސައްކަތް ކުރަން ބޭނުން ކުރަމުން،" ހަލީލް ވިދާޅުވިއެވެ.
މީގެ ދެ ދުވަސް ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީނާއި މަޝްވަރާ ކުރެއްވުމަށް އެދުމުން ބައްދަލު ނުކުރެއްވި ކަމަށެވެ.
ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކީ ވެސް ޕީޕީއެމް މެމްބަރުން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ރައީސް މައުމޫނަށް އިހުތިރާމް ކުރައްވާ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރިޔާސަތުގައި ޕީޕީއެމްއިން ނިންމެވި ކަންކަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައިވާއިރު އިލެކްޝަންއިން އަދި އެކަމަށް ޖަވާބު ނުދެއްވާ ކަމަށެވެ. އިލެކްޝަންގެ ނިންމުން ގަބޫލް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލާގައި އަދި އިލެކްޝަންއިން މަޝްވަރާ ނުކުރާ ކަމަށެވެ.