ރަންވޭގެ މަސައްކަތް އަވަސްކުރުމަށް އާ ދެ ޑްރެޖަރު ގެނެސްފި

ރަންވޭ ހިއްކަން ގެނައި ޑްރެޖަރު --- ފޮޓޯ/ ޓުވިޓާ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫގެ ދަށުން ރަންވޭ ބޮޑު ކުރުމަށް ހިއްކާ ބިމުގެ މަސައްކަތް އަވަސްކުރުމަށް އާ ޑްރެޖަރެއް ގެނެސްފި އެވެ.

އައިއެންއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު "ސަން" އަށް ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ސްޕީޑްގައި ގެންގޮސް ނިންމާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.

އާދިލް ވިދާޅުވީ މިހާރު ގެނެސްފައިވަނީ ދެ ޑްރެޖަރެއް ކަމަށެވެ. އެއީ މިހާރު ބޭނުންކުރާ ޑްރެޖަރުތަކަށް ވުރެ މަސައްކަތް "ޑަބަލް" ހަލުވި އެއް ޑްރެޖަރާއި މިހާރު ވެސް ބޭނުންކުރަމުން އަންނަ ވައްތަރުގެ ޑްރެޖަރެއް ކަމަށް އާދިލް ވިދާޅުވި އެވެ.

"މަސައްކަތް ޑަބަލް ހަލުވި ބޮޑު ޑްރެޖަރެއް މިގެނައީ. އެހެންވީމަ ހަމަ ގައިމުވެސް ރަންވޭގެ މަސައްކަތް މިހާރަށްވުރެ އަވަސްވެގެންދާނެ މީގެ ސަބަބުން. އަޅުގަނޑުމެން މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް މި މަސައްކަތް ނިންމާލަން،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ މިހާރު ވެސް ކުރިއަށްދަނީ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ކަމަށާއި، ބިން ހިއްކުން ކުރިއަށްދާ ސްޕީޑަށް އެހެނިހެން މަސައްކަތްތައް ވެސް ކުރިއަށްގެންދާ ކަމަށެވެ.

މިދިޔަ ޖުލައި މަހު 25 ވަނަ ދުވަހު އައިއެންއައިއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހިއްކުމުގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.

އެ މަޝްރޫގެ ދަށުން 3400 މީޓަރު ދިގު، 60 މީޓަރު ފުޅާ ރަންވޭއެއް ހަދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެއާޕޯޓްސް ކޮމްޕެނީ އިން ވަނީ ބުނެފަ އެވެ.

އެ މަޝްރޫގެ ދަށުން ގާތްގަނޑަކަށް 60 ހެކްޓަރުގެ ބިން ހިއްކާ އިރު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއަކީ މިހާތަނަށް ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރާ އެއް މަޝްރޫއު އެވެ. އެގޮތުން އެ މަޝްރޫ އަށް 800 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރެ އެވެ.

މަޝްރޫއާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ ބިން ހިއްކުމުގެ މަސައްކަތާއި ޝީޓްޕައިލް ކުރުމާއި ބިން އެއްވަރުކުރުމުގެ މަސައްކަތްތައް އެއްކޮށް ނިންމަން ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ނަގާނެ ކަމަށެވެ.

"އެހެން ނޫނީ ހިންގާ ބިން ހިއްކުމުގެ މަޝްރޫތަކާ ތަފާތު މަސައްކަތެއް މިއީ. މި އަޅަނީ ކޯޑް އެފް ރަންވޭއެއް. ކޯޑް އެފް ރަންވޭއެއްގައި ދުނިޔޭގެ އެކި ތަންތާ ބޭނުންކުރަމުން އަންނަ އޭ 380 ސައިޒުގެ މަތިންދާބޯޓު ޖެއްސޭވަރުގެ ސުޓްރެންތު ހުންނަން ޖެހޭ. އެހެންވީމަ މުސްތަގުބަލުގައި ވަކި ހިސާބަކުން ރަންވޭ ބޭނުންކުރުން ނުހުއްޓޭވަރުގެ ފެންވަރެއްގައި މިތަން ގެންނަން އަޅުގަނޑުމެން ބޭނުންވަނީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އާ ރަންވޭ އެޅުމަށް ވަނީ ހުޅުމާލެ ފަޅަށް ވަންނަން ކުރިން ބޭނުން ކުރި ނެރު ބަންދުކޮށް އެހެން ނެރެއްވެސް ބޭނުންކުރަން ފަށައިފަ އެވެ. ސައީދު ވިދާޅުވީ އާ ރަންވޭގެ ކޮޅު ހުޅުމާލެ އަށް ވަނުމަށް ކުރިން ބޭނުން ކުރަމުން އައި ނެރާ ހަމައަށްދާނެ ކަމަށެވެ.

comment ކޮމެންޓް