ތައިލެންޑާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ފޯރަމް ދަރުބަރުގޭގައި ފަށައިފި

ރާއްޖެ - ތައިލެންޑް ބިޒްނަސް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއާ ތައިލެންޑާ ދެމެދު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރުމުގެ މަސައްކަތުގެ ތެރެއިން، މިހާރު ރާއްޖެ އައިސް އުޅޭ ތައިލެންޑުގެ ވިޔަފާރިވެރިންގެ ވަފުދާއި ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރުމުގެ ފޯރަމެއް ދަރުބާރުގޭގައި ފެށިގެން ކުރިޔަށް އެބަ ދެއެވެ.

ދަރުބާރުގޭގެ ދޮށިމޭނާ މާލަމުގައި މިއަދު ފެށި ބައްދަލުވުމަކީ، ތައިލެންޑުގެ ވިޔަފާރިވެރިންނާއި ދިވެހި ވިޔަފާރިވެރިން، ވިޔަފާރީގެ މާހައުލެއްގައި ސީދާ ގޮތުން ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން އުފެއްދުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެކެވެ. މި ހަރަކާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ތައިލެންޑުގެ މިނިސްޓްރީ އޮފް ކޮމާސްއާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ރާއްޖެ - ތައިލެންޑް ބިޒްނަސް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ، މިއަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެއްޖެ ކަމަށެވެ.

މޯލްޑިވްސް ތައިލެންޑް ބިޒްނަސް ފޯރަމްގެ ނަމުގައި ކުރިޔަށްދާ މި ހަރަކާތް، މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިޔަށް ދާނެއެވެ. ދިވެހި ވިޔަފާރިވެރިން މި ފޯރަމަށް ޒިޔާރަތްކޮށް، ތައިލެންޑުގެ އެކްސްޕޯޓު ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރި ޑެލިގޭޝަންގެ ފަރާތްތަކާ ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން އުފެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި ހަރަކާތުގައި، މޭވާއާއި، ކާނާގެ ބާވަތްތަކާއި، ފަތުރުވެރިކަމާ ގުޅޭ ސާމާނާއި، ގޭތެރޭގައި ހިފައި ގެންގުޅޭ ތަކެތީގެ އިތުރުން ސްޕާ ޕްރޮޑަކްޓްސް ފަދަ ތަކެތީގެ ވިޔަފާރި ކުރާ، ތައިލެންޑުގެ އެކްސްޕޯޓު އިންޑަސްޓްރީގައި ހިމެނޭ 30 ވިޔަފާރިއެއްގެ ފަރާތުން ބައިވެރިވެއެވެ.

ރާއްޖެ - ތައިލެންޑް ބިޒްނަސް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައިލެންޑާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މަސައްކަތަކީ، 2013 ވަނަ އަހަރު ދެގައުމުގެ އިސްވެރިންގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރެވޭ ކަމެކެވެ. ދެގައުމުގެ ދެމެދުގައި ޖޮއިންޓް ޓްރޭޑް ކޮމިޓީއެއް އުފައްދާފައިވާ އިރު، އިއްޔެއާއި މިއަދު އެ ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެ ބައްދަލުވުމުގެ މިނިސްޓީރިއަލް ލެވެލް މީޓީންގްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ތައިލެންޑްގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން އިއްޔެ ރާއްޖެ ވަޑައިގެންނެވި ނަމަވެސް، ތައިލެންޑުގެ ރަސްގެފާނު ބޫމިޕޮން އަދުންޔަދޭގެ ސިއްހީ ހާލުކޮޅު ގޯސްވަމުން ދާތީ، މިނިސްޓަރު ވަނީ ރޭގެ ވަގުތެއްގައި އެނބުރި ބެންގްކޮކަށް ވަޑައިގެންފައެވެ.

ރާއްޖެ - ތައިލެންޑް ބިޒްނަސް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖޮއިންޓް ޓްރޭޑް ކޮމިޝަނުގެ މިނިސްޓީރިއަލް ލެވެލް ބައްދަލުވުން ކެންސަލް ކުރެވުނު ނަމަވެސް، ކޮމާސް މިނިސްޓަރު ވަނީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރާ އިއްޔެ ނުރަސްމީކޮށް ބައްދަލުކުރައްވައިފައެވެ. ދެބޭފުޅުން ވަނީ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކަކާ މެދު މަޝްވަރާ ކުރައްވައިފައެވެ. އޭގެ ތެރޭގައި އެއްވެސް މެދުވެރިއެއް ނެތި ދިވެހި ވިޔަފާރިވެރިންނާއި ތައިލެންޑުގެ ދަނޑުވެރިންނާ އެކު ވިޔަފާރީގެ ސީދާ މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ރާއްޖެއަށް އިމްޕޯޓުކުރާ ތައިލެންޑުގެ ބައެއް މުދަލުން ޓެރިފް ކަނޑާލުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

comment ކޮމެންޓް