ދިވެހި ވިޔަފާރިވެރީންނަށް ތައިލެންޑުގެ ދަނޑުވެރިންނާ ''ސީދާ ވިޔަފާރި''ކުރެވޭ ގޮތް ހަދަނީ

އިކޮނޮމިކް މިނިސްޓަރާއި ތައިލެންޑްގެ ކޮމާސް މިނިސްޓަރު މިރޭ އެއާޕޯޓުގައި - ސަން ފޮޓޯ

ތައިލެންޑުގެ ދަނޑުވެރިންނާއި ދިވެހި ވިޔަފާރިވެރިންނާ ދެމެދު އެއްވެސް މެދުވެރިއެއް ނެތި ވިޔަފާރި ކުރެވޭނެ އިންތިޒާމު ކުރުމާ ބެހޭގޮތުން ތައިލެންޑުގެ ކޮމާސް މިނިސްޓަރާ އެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޝްވަރާ ކުރައްވައިފިއެވެ.

ތައިލެންޑްގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން އިއްޔެ ރާއްޖެ ވަޑައިގެންނެވި އިރު، ތައިލެންޑާއި ރާއްޖެއާ ދެމެދު އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ މިނިސްޓީރިއަލް ބައްދަލުވުން މިއަދު ބާއްވާ ގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ.

އެހެން ނަމަވެސް ތައިލެންޑްގެ ރަސްގެފާނު ބޫމިބޮލް އަދުލްޔަދޭޖްގެ ސިއްހީ ހާލުކޮޅު ދެރަވަމުން ދާތީ، މިނިސްޓީރިއަލް ބައްދަލުވުން ކެންސަލް ކުރައްވައި، ކޮމާސް މިނިސްޓަރު ރޭގެ ވަގުތެއްގައި ވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ. ނަމަވެސް ކޮމާސް މިނިސްޓަރު ރާއްޖޭގައި ހޭދަކުރެއްވި ވަގުތުކޮޅުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އެކު، ދެގައުމުގެ އިގްތިސާދީ ގުޅުމާ ބެހޭ ނުރަސްމީ މަޝްވަރާތަކެއް ބޭއްވެވިއެވެ.

ރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިވަގުތު ރާއްޖެއަށް ތައިލެންޑުން މޭވާއާއި އެހެނިހެން ކާނާގެ ބާވަތްތައް އިމްޕޯޓު ކުރަނީ ބްރޯކަރުން މެދުވެރިކޮށް ކަމަށެވެ.

"އޭގެ ބަދަލުގައި ސީދާ ފާމްތަކާއި، އެތަކެތި އުފައްދާ ފަރާތްތަކާއެކު ސީދާ ވިޔަފާރި ކުރެވޭނެ އިންތިޒާމު ކުރެވޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރީމު. ތައިލެންޑު ސަރުކާރުގެ ވަރަށް ބޮޑު ބަލައިގަތުމެއް އެއީ. މީގެ ސަބަބުން ބޮޑު ލުއިފަސޭހަކަމެއް އުފެދިގެން ދާނެ،" ސައީދު ވިދާޅުވިއެވެ.

ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރިން، ތައިލެންޑްގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން ނޫސްވެރިންނަށް ވިދާޅުވީ، ތައިލެންޑާއި ރާއްޖެއާ ދެގައުމަށް ވެސް ފައިދާ ކުރާނެ ފަދަ އެތައް ދާއިރާއެއް އެބަ ހުރި ކަމަށެވެ. އެގޮތުން ކާނާއާއި، މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ ހިމެނޭ ކަމަށް މިނިސްޓަރު އަޕިރާދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ އިންވެސްޓްމެންޓުތައް ގެނައުމަށް ވަރަށް ބޮޑަށް އެކަށީގެންވާ މަންޒިލެއް ކަމަށެވެ.

ދެގައުމުގެ ދެމެދުގައި އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޝަންގެ މިނިސްޓީރިއަލް ބައްދަލުވުން ކެންސަލްކުރި ނަމަވެސް، އެ ކޮމިޝަނުގެ އެހެނިހެން ބައްދަލުވުންތައް މިއަދު ކުރިޔަށް ދާނެއެވެ.

އަދި ތައިލެންޑުން ރާއްޖެ އައި ވިޔަފާރިވެރިންގެ ވަފުދުން ރާއްޖޭގެ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް ބާއްވާ ޚާއްސަ މައުރަޒެއް ދަރުބާރުގޭގައި މިއަދު ކުރިޔަށް ދާނެއެވެ.

comment ކޮމެންޓް