ދިރާގުން މި އަހަރު ވެސް "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލުކޮށްފި

ދިރާގުގެ މުވައްޒަފުންތަކެއް-- ފޮޓޯ: ދިރާގު

ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން މި އަހަރު ވެސް ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ތަޖުރިބާއާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަދި ހުރިހާ މުވައްޒަފުން ޝާމިލުވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ސާބިތުކޮށްދީފިއެވެ.

ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަންއަކީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ ސެޓިފިކޭޝަނެކެވެ. މި ސެޓިފިކޭޝަނަކީ "ޓްރަސްޓް އިންޑެކްސް ސާވޭ" ގެ ޒަރިއްޔާއިން މުވަޒަފުންގެ ފަރާތުން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ ސެޓިފިކޭޝަނެކެވެ.

މި ސާވޭ މެދުވެރިކޮށް މުވަޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި، އިހުތިރާމާއި، ކުންފުންޏާމެދު ފަޚުރުވެރިވާ މިންވަރުގެ އިތުރުން ކުންފުނީގައި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް މިންކުރެއެވެ.

މި ކަމާ ގުޅޭގޮތުން ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރު، އަޒްހާ ޒަމީރު ވިދާޅުވިގޮތުގައި،

ޖެހިޖެހިގެން ދެވަނަ އަހަރު 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ލިބުމަކީ، ދިރާގުގެ އެންމެހައި މުވައްޒަފުންގެ ބައިވެރިވުމާއެކު ބިނާކޮށްފައިވާ ހަރުދަނާ މަސައްކަތުގެ މާހައުލު އެގޮތުގައި ދެމެހެއްޓި، އިތުރަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއްގެ ގޮތުގައި އެކުންފުނީގެ އެޗުއާރު ޑިރެކްޓަރު، އަޒްހާ ޒަމީރު ފާހަގަކުރެއްވިއެވެ.

އަޒްހާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަގާފަތް ބިނާވެފައިވަނީ އިތުބާރާއި، އިހުތިރާމުގެ އިތުރުން އެކަކު އަނެކަކަށް ދޭ އެއްބާރުލުމުގެ މައްޗަށެވެ. މިއީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދިރާގުގެ މުވައްޒަފަކަށް ވީތީ ފަޚުރުވެރިވާފަދަ ވެއްޓެއް ގާއިމުކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާކަމަށް އަޒްހާ ވިދާޅުވިއެވެ.

މި ސަގާފަތް ދެމެހެއްޓުމުގައި ދިރާގުގެ މުވައްޒަފުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، އަޒްހާ ވަނީ ދިރާގުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. ދިރާގުގެ އަމާޒަކީ، މި ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައިވެސް މި ހަރުދަނާ މިންގަނޑުތައް ހިފަހައްޓައި، މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމާއި ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި ސާބިތުކަމާއެކު ދެމިތިބުންކަމަށް އަޒްހާ ވިދާޅުވިއެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ މުވަޒައްފުންގެ ކުރިއެރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުންނަށް އެކި ގޮތްގޮތުން ފައިދާތައް ފޯރުކޮށްދެމުންނެވެ. 99.9 އިންސައްތަ ދިވެހިންގެ މައްޗަށް އެކުލެވިގެންވާ މުވައްޒަފުންގެ ޓީމެއް މަސައްކަތްކުރާ މި ކުންފުންޏަކީ މަސައްކަތުގެ މައިދާނުގައި ދިވެހީންގެ ކުރިއެރުވުމަށް އިސްކަންދޭ، ލީޑަރޝިޕް ޑިވެލޮޕްމަންޓް އަދި ވޯކް-ލައިފް ބެލެންސް އަށް އިސްކަންދީގެން އެކަކު އަނެކަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް އޮތް މަސައްކަތުގެ މާހައުލެއް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެކެވެ.

comment ކޮމެންޓް