ސިރިސޭނާގެ ދަރިކަލުން ނައިޓްކްލަބަކަށް ހަމަލާދިން މައްސަލައެއް ބަލަން އަމުުރުކޮށްފި

ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދަރިކަލުން ދަހަމް ސިރިސޭނާ --

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ހަގު ފިރިހެން ދަރިކަލުން ދަހަމް ސިރިސޭނާ، އެގައުމުގެ ނައިޓްކްލަބަކަށާއި އެތަނުގެ ގާޑަކަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބެލުމަށް ރައީސް ސިރިސޭނާ އަމުރުކުރައްވައިފިއެވެ.

މިހަފްތާގެ އާދީއްތަ ދުވަހުގެ ދަންވަރު، ކޮލޮމްބޯގެ ނައިޓް ކްލަބަކަށް ބަޔަކު ގޮވައިގެން ގޮސް އެތަނުގައި ހުރި ގާޑަކަށް ހަމަލާދީ، ނައިޓްކްލަބަށް ގެއްލުން ދިނުމުގައި، ރައީސް ސިރިސޭނާގެ ދަރިކަލުން ދަހަމް ބައިވެރިވި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.

"ކޮލޮމްބޯ ޓެލެގްރާފް"އިން ބުނާ ގޮތުގައި، ދަހަމްއާއި އޭނާގެ ތިމާގެ މީހެއްގެ އިތުރުން ރިޔާސީ ބޮޑީގާޑުންގެ ގްރޫޕަކުން އެރޭ ދަންވަރު 2:00 ހާ އިރު، ނައިޓްކްލަބަށް ވަނުމަށް މަސައްކަތް ކުރުމުން އެތަނަށް ވަނުމުގެ ހުއްދަ އެމީހުންނަށް ނުލިބުނެވެ.

އެހެންކަމުން އެ ގްރޫޕު ވަނީ ލަޓިބުރި ފަދަ ތަކެތި ހިފައިގެން އައިސް، ނައިޓްކްލަބްގެ ގާޑަށާއި އެހިސާބުގައި ހުރި މީހުންނަށް ހަމަލާދީ، ނައިޓްކްލަބްގެ ބިއްލޫރިގަނޑު ފަދަ ތަކެތި ތަޅައި ހަދައިފައެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން، ރައީސް ސިރިސޭނާގެ ދަރިކަލުން ވެސް، ހަމަލާ ދިން މީހުންގެ ތެރޭގައި ހިމެނެއެވެ.

ނަމަވެސް ފަހުން ބައެއް މީހުން ވަނީ އެމީހުންގެ ބަޔާންތައް އަނބުރައި ގެންގޮސް، ދަހަމް ސިރިސޭނާ އެރޭ އެސަރަހައްދުން ނުފެންނަ ކަމަށް ބުނެފައެވެ.

މި ހާދިސާ ހިނގީ، ރައީސް މައިތުރިޕާލަ ސިރިސޭނާއާއި އަނބިކަނބަލުން ޖަޔަންތި ސިރިސޭނާ، ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ރައީސް ސިރިސޭނާ ވަނީ، ދަރިކަލުން ދަހަމްއާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އެ މައްސަލަ، ޚާއްސަ ސަމާލުކަމެއް ދީގެން، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ލަންކާގެ ސަރުކާރަށް އަންގަވައި އަމުރުކުރައްވައިފައެވެ.

ވިހީގެ އަހަރުތަކުގެ ފުރަތަމަ ދުވަސްތައް ގުނަމުންދާ ދަހަމް ސިރިސޭނާ، މީގެ ކުރިންވެސް މީހަކަށް ހަމަލާދިން ކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެއީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.

މިދިޔަ އަހަރު އދގެ 70 ވަނަ އާންމު މަޖިލީހަށް ރައީސް މައިތުރިޕާލަ ސިރިސޭނާ ވަޑައިގެންނެވި އިރު، އަނބިކަނބަލުން ޖަޔަންތިގެ ބަދަލުގައި ގެންދެވީ ދަރިކަލުން ދަހަމްއެވެ. ދައުލަތުގެ ރަސްމީ ހައިސިއްޔަތެއް ނެތި، އދގެ އާންމު މަޖިލީހުގައި ރައީސް ސިރިސޭނާ އަރިހުގައި ދަހަމް އިންނެވުމުން އެގައުމުގެ ގިނަ ބަޔަކު ވަނީ އެ ދެބަފައިކަލުންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

comment ކޮމެންޓް