ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ކުންފުނި މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑާ ބެހޭ ގޮތުން ދޮގު ހަބަރު ފެތުރީ ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ހަބަރު ލިޔުނު ނޫސްތަކާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން އޭނާ ނިންމަވައިފިއެވެ.
އެމްޕީއެލްގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވަނީ މެރީޑިއަމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން ތެޔޮ ފޯރުކޮށްދިނުމުގައި މަކަރު ހަދައި ފޯރުކޮށްނުދޭ ތެލަށް ބިލު ކުރާކަމަށް ޖުނައިދު ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ރިޔާޒު ރަޝީދު 'ސަން' އަށް ވިދާޅުވީ ކުންފުނީގެ އަގުވައްޓާލުމަށް ދޮގު ވާހަކަ ދެއްކުމުން އެމްޕީއެލްއާ ދެކޮޅަށް ދައުވާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެމްޕީއެލް އިން އެ ދެއްކި ވާހަކަ ރިޕޯޓުކުރި ނޫސްތަކާ ދެކޮޅަށް ދައުވާކުރަން ނިންމާފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
"އޭގެ ސަބަބުން މީހުންގެ ތެރޭގައި ވިޔަފާރީގެ މައްޗަށް ނަފުރަތު އުފެދި. ކުންފުނީގެ އަގު ވަރަށް ބޮޑަށް ވެއްޓުނީ. ނޫސްތަކުގެ މައްޗަށްވެސް ދައުވާކުރާނަން. މީހަކު ބުނާ އެއްޗެއް ޖަހައިގެން އެހެން ބައެއްގެ އަގެއް ވައްޓައެއް ނުލެވޭނެ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އިތުރަށް ބިލުކުރިކަމަށް ބުނާ ނަމަ ބިލު އޮންނަން ޖެހޭނެ ކަމަށެވެ. އަދި " ނޫސްވެރިން ޒިންމާދާރުވާން ޖެހޭނެ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޕީއެލްގެ ތެޔޮ ސަޕްލައިކުރަން މެރީޑިއަމް ނޫން ބަޔަކަަށް ނުދިނުމަށް ސިވިލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.
އަމުރުގައި ބުނެފައި ވަނީ މެރީޑިއަމް ސާވިސް އާއި ޕޯޓްސް ލިމިޓެޑާ އެކު 17 އޭޕްރީލް 2016ގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އޭގައި ޕޯޓްސް ލިމިޓެޑްގެ ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލް އަދި ވެސެލްސްތަކަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށް ދިނުމާ ގުޅޭ ގޮތުން އެއްބަސްވެފައިވާކަން އެނގެން އޮންނަ ކަމަށް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ.
ޕޯޓްސް ލިމިޓެޑަށް މެރީޑިއަމް ނޫން ތިންވަނަ ފަރާތަކުން ތެޔޮ ސަޕްލައި ކޮށްދެމުންދާނަމަ މެރީޑިއަމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އެކުންފުނިން ހުށަހަޅާފައިވާ މައްސަލާގައި ބަޔާންކޮށްފައިވާ ކަަމަށްވެސް އަމުރުގައިވެ އެވެ.
އެހެންކަމުން ޝަރީއަތުން ވަކިގޮތެއް އަންގަންދެން ޕޯޓްސްގެ ތެޔޮ ސަޕްލައިކުރަން ހަމައެކަނި މެރީޑިއަމަށް ދޭން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެމްޕީއެލުން މިއަދު ވަނީ އެމައްސަލަ އިސްތިއުނާފު ކޮށްފަ އެވެ.