ހަތް އަހަރު ވީއިރު ތ. އޮޅުގިރި ތަރައްގީކުރަން ދޫނުކޮށް އެއީ "ބަލަމުންދާ މައްސަލައެއް" ކަމަށް ބުނެ މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާކުރަން އުޅެނީ ކުންފުނީގެ އަގު ވައްޓާލައި މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ. ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ޕޮޕިއުލާ މޯލްޑިވްސްއިން ބުނެފިއެވެ.
މިއީ 2014 ވަނަ އަހަރުން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކުރި ފައިސާއިން ޕޮޕިއުލާ މޯލްޑިވްސް ކުންފުންޏަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.
އޭސީސީން ބުނީ، ޖުލައި 13، 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150،000 ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ޕޮޕިއުލާ މޯލްޑިވްސް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބިޒްނަސް ޕޯޓަލްއިން ދައްކަނީ ރައުޝަމް ރިޔާޒާއި ރީޝަމް ރިޔާޒް ކިޔާ ދެ މީހުންގެ ނަން މަތީގައެވެ. އެނގިފައިވާ ގޮތުގައި އެއީ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ ދަރިންނެވެ.
އެ މައްސަލައާ ގުޅިގެން 'ޕޮޕިއުލާ މޯލްޑިވްސް'އިން ނެރުނު ނޫސްބަޔާނުގައި ބުނީ އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅުވައި، އެ ކުންފުންޏަށް އޭސީސީ އިން ކޮށްފައިވަނީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށެވެ.
އެމްއެމްޕީއާރްސީއިން ވިއްކި ރަށްތައް އޭސީސީއިން ހުއްޓުވުމަށްފަހު، ގާތްގަނޑަކަށް ހުރިހާ ރަށެއްހެން ތަރައްގީކުރަން ދޫކުރި ނަމަވެސް ތ. އޮޅުގިރި ދޫކޮށްފައި ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ފާއިތުވެ ދިޔަ ހަތް އަހަރު ތެރޭ އެ ރަށް ތަރައްގީކުރަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވެ އޮތީ، "ބަލަމުންދާ މައްސަލައެއް އޮތްކަމަށް" އޭސީސީން ބުނަމުންދާތީ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެފަދައިން ބުނެ، އޭސީސީން އިންވެސްޓަރުންނަށް ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު އެ ކުންފުނިން ވަނީ ކޮށްފައެވެ.
އޭސީސީން ހަތް އަހަރު ވަންދެން މި ރަށް [ތ. އޮޅުގިރި] ހިފަހައްޓާފައި ވަނީ ނުސީދާ މަގަކުން ކަމެއް ހާސިލުވޭތޯ. ނަމަވެސް އެ ރަށަކީ ހައްގު ގޮތުގައި އަގު ދައްކާފައިވާ ރަށަކަށްވާތީ މި ކުންފުނިން ނިންމީ ހައްގު ހޯދަން ޝަރީއަތަށް ދިޔުމަށް، ޕޮޕިއުލާ މޯލްޑިވްސް
ޕޮޕިއުލާ މޯލްޑިވްސްއިން ބުނި ގޮތުގައި އޭސީސީން އެންމެ ފަހުން ޕީޖީއަށް މައްސަލައެއް ލާފައި ވަނީ އެ ކުންފުނީގެ ފަރާތުން މިދިޔަ ޑިސެމްބަރު މަހު ޝަރީއަތަށް މައްސަލައެއް ހުށަހަޅައި، ސިވިލް ކޯޓުން އޭސީސީއަށް ޖަވާބުދާރީވުމަށް އަމުރުކުރި ފަހުންނެވެ.
އެހެންކަމުން އޭސީސީގެ ކިބައިގައި އެއްވެސް ވަރެއްގެ އިޚުލާސްތެރިކަމެއް އޮތްނަމަ، ހަތް އަހަރު ވަންދެން މައްސަލަ ނުނިންމައި، ހިފަހައްޓައިގެން ތިބޭކަށް ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން މައްސަލަ ލީ ފަހުން އޭސީސީން ދައުވާކުރަން ނިންމީ އެ ކުންފުނީގެ އަގު ވައްޓާލުމަށެވެ. އަދި އެކަންކުރީ އޭސީސީއާ ދެކޮޅަށް ހައްގު ހޯދަން މައްސަލަ ޝަރީއަތަށް ހުށަހެޅުމުން އައި ރުޅީގައި ކަމަށާއި އެ ކޮމިޝަންގެ ޑިމާންޑުތަކަށް ބޯނުލެނބުމުގެ ސަބަބުން ކަމަށް ޕޮޕިއުލާ މޯލްޑިވްސްއިން ބުންޏެވެ.
ހެކި ހުރިނަމަ ހަތް އަހަރު ވަންދެން ތިބީ ކީއްވެތޯ؟ ސަބަބު ވެސް އަދި ބޭނުން ވެސް ވަރަށް ސާފު! ހަތް އަހަރަށްފަހު ކުއްލިއަކަށް ޕީޖީއަށް ބޯޅަ އެއްލާލައި މި ކުންފުނީގެ އަގު ވައްޓާލަން މަސައްކަތް ކޮށްފައި އެވަނީ، ޕޮޕިއުލާ މޯލްޑިވްސް
އިތުރަށް އެ ކުންފުނިން ބުނީ ދައުލަތުން އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލަން އެންގުމަކީ އޭސީސީއަށް ލިބިފައިވާ ގާނޫނީ އިޚުތިޔާރަކަށް ނުވިޔަސް، އެއްބަސްވުން އުވައިލަން އަންގާފައިވާ ކަމަށް ބުނެ، ޚަބަރު ފަތުރާފައި ވަނީ ހިނގަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ. އަދި އެއީ ގާނޫނީ އިމުގެ ތެރެއިން ހިންގާ އިދާރާއަކުން ކުރަން އެކަށީގެންވާ ބާވަތުގެ ކަމެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އޭސީސީން ބުނީ، މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދައްކަން އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ތ. އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ. ތ. އޮޅުގިރި ކުއްޔަށް ދިނުމާ ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ތ. އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްގީކުރަންވާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ ކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހުތިޔާރާއި އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަމަށް ތަހުގީގާ ހަވާލާދީ އޭސީސީން ބުންޏެވެ.
އެހެންވެ، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާކޮށްދޭން އެދި އޭސީސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ. އަދި، ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ޖަމާވި 150،000 ޑޮލަރު އަނބުރާ ހޯދަން ވެސް އޭސީސީން ވަނީ އެދިފައެވެ.
މީގެ އިތުރުން، އެއްބަސްވުމުގައިވާ ކަންތައްތައް ނުކުރާތީ، ތ. އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވުމަށް ވެސް އޭސީސީން ވަނީ ނިންމާފައެވެ.