އެމްއެމްޕީއާރުސީން ދައްކަންޖެހޭ 80 މިލިއަން ރުފިޔާ އަދިވެސް އެބައޮތް: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ކަަމަށް ހަމަޖެއްސި މުހައްމަދު ޖުނައިދު (ވ) -- ސަން ފައިލް ފޮޓޯ

ްމޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ނަގާފައިވާ ފައިސާގެ ތެރެއިން އަދިވެސް 80 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެެވެ.

ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލް އިން އެކި ފަހަރުމަތިން މޯލްޑިވްސް އެމްއެމްޕީއާރުސީއަށް ދޫކުރި 13.31 މިލިއަން ޑޮލަރަށްވާ ފައިސާގެ ތެރެއިން 5.52 މިލިއަން ޑޮލަރު ނުދައްކާ އޮތް ކަމަށް އޭސީސީގެ އޮޑިޓް ރިޕޯޓުން ވަނީ ދައްކާފައެވެ.

މިއަދު އެމްޕީއެލްގެ މައި އޮފީހުގައި އެކަމާގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، އެމްއެމްޕީއާރުސީއިން ދައްކަންޖެހޭ ފައިސާގެ ތެރެއިން 80 މިލިއަން ރުފިޔާ އަދިވެސް ނުދައްކާ ކަމަށެވެ.

ފައިސާ ނުލިބޭ ކަމަށް ވިދާޅުވި ނަމަވެސް އެކަމާ ގުޅިގެން މާބޮޑު ތަފްސީލެއް ނުދެއްވައެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޑޮލަރު ގަނެ ވިއްކުމަށް ދެ ކުންފުނީގެ ދެމެދުގައި 2014 ވަނަ އަހަރުން ފެށިގެން 6 އެއްބަސްވުމެއް އެކުލަވާލެވި، އެކި ފަހަރު މަތިން 15.42 ރުފިޔާގެ ރޭޓުން 13.31 ޑޮލަރު ގަތުމަށް 205.21 މިލިއަން ރުފިޔާ އެމްޕީއެލް އިން އެމްއެމްޕީއާރްސީ އަށް ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޑޮލަރު ވިއްކުމަށް ފައިސާ ހޯދާފައި ވަނީ އެމްއެމްޕީއާރުސީގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާއާ ހިލާފަށް ޑިރެކްޓަރުންގެ ބޯޑާ މަޝްވަރާކުރުމެއް ނެތި އަދި އެ ބޯޑުގެ ހުއްދަ ނުހޯދައި ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ފާއިތުވި ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޕީއެލްއަށް ދައްކާފައި ވަނީ 7.79 މިލިއަން ޑޮލަރު ކަމަށް ވާއިރު، ބާކީ 5.52 މިލިއަން ޑޮލަރު ދައްކާފައި ނުވާ ކަމަށެވެ.

އެމްޕީއެލްއަށް ފަސް މިލިއަން ޔޫއެސް ޑޮލަރު ހޯދުމުގެ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އާއިލާގެ ބޭފުޅުންގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދިން މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީއިން ވަނީ ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ.

comment ކޮމެންޓް