ތެޔޮ ސަޕްލައިކުރަން މެރީޑިއަމަށް ދެވަނަ ފަހަރަށް ދިނީ ބިޑް ނުކޮށް، އަމުރު އިސްތިއުނާފު ކުރާނަން: އެމްޕީއެލް

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ތެޔޮ ސަޕްލައިކުރުމަށް މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑަށް ދެވަނަ ފަހަރަށް ދީފައިވަނީ ބިޑްކުރުމަކާ ނުލައި ކަމަށާއި ސިވިލް ކޯޓުން އެމްޕީއެލްގެ މައްޗަށް ނެރުނު އަމުރު އިސްތިއުނާފު ކުރާނެ ކަމަށް އެމްޕީއެލުން ބުނެފި އެވެ.

އެމްޕީއެލްގެ ތެޔޮ ސަޕްލައިކުރަން މެރީޑިއަމް ނޫން ބަޔަކަަށް ނުދިނުމަށް ސިވިލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

އަމުރުގައި ބުނެފައި ވަނީ މެރީޑިއަމް ސާވިސް އާއި ޕޯޓްސް ލިމިޓެޑާ އެކު 17 އޭޕްރީލް 2016ގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އޭގައި ޕޯޓްސް ލިމިޓެޑްގެ ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލް އަދި ވެސެލްސްތަކަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށް ދިނުމާ ގުޅޭ ގޮތުން އެއްބަސްވެފައިވާކަން އެނގެން އޮންނަ ކަމަށް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ.

އެކަމާ ގުޅިގެން މިއަދު އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ މެރީޑިއަމަށް ތެޔޮ ސަޕްލައި ކުރަން ހަވާލުކޮށްފައި ވަނީ ބިޑްކުރުމެއް ނެތި ކަމަށެވެ. އަދި ތެޔޮ ސަޕްލައި ކުރުމުގައި އެމްޕީއެލުން އަމަލުކުރާ ގޮތުން މިލިއަނުން ގެއްލުންތަކާ ކުރިމަތިވާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

ނަމަވެސް މެރީޑިއަމުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެފަރާތުން އެމްޕީއެލްއަށް ތެޔޮ ސަޕްލައިކުރަން ފެށީ ބިޑް ކާމިޔާބުކޮށްގެން ކަމަށެވެ.

" މިތަނަށް ތެޔޮ ސަޕްލައިކުރަނީ މެރީޑިއަމުން. މިތަނަށް ތެޔޮ ސަޕްލައި ކުރަނީ 12 ރުފިޔާއަށް ލިޓަރެއް. މިއަދު މާކެޓުގައި އަޅުގަނޑުމެން ކުރި އިއުލާނާ ގުޅިގެން އަގުތަށް ލިބިފައި ހުރީ 6.90 ރުފިޔާއަށް ލިޓަރެއް. އެހެންވީމަ ސަރުކާރަށް ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް އެވަނީ،" ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލްއަށް ތެޔޮ ސަޕްލައިކުރަން މެރީޑިއަމްއާ ހަވާލުކުރެވުނީ 2015 ވަނަ އަހަރު އޭޕްރީލް މަހުގައި ކަމަށް ޖުނައިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ 60،000 ލިޓަރުގެ ތެޔޮ ދުވާލަކަށް ސަޕްލައިކޮށްފި ނަމަ އެޔަށް ބިލްކުރާއިރު 160،000 ލިޓަރުގެ ތެލަށް ބިލުކުރާކަމަށެވެ. އެހެންކަމުން 12 ރުފިޔާއަށް ލިޓަރެއްގެ މަގުން ބެލިނަމަވެސް 1.2 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ގެއްލުންވާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

"ދައުލަތަށް އެވަރުގެ ބޮޑު ގެއްލުމެއް ވުމަކީ މިއަދުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންވެސް ބޭނުންފުޅުވާނެ ކަމެއް ނޫން،" ކަމަށް ޖުނައިދު ވިދާޅުވި އެވެ.

"މިވަނީ ކިހިނެއްތޯ އަޅުގަނޑު ބަލާލިއިރު މިތާނގަ ކަންތައްތަކެއް ހިނގި. ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް. މިތާތެރެއަށް ތެޔޮ ލޮރީ ވަންނަނީ ދަންވަރު. ވަދެފަ އޭތި ނުކުމެގެން އެބަދޭ ތެޔޮ އެޅިޔަސް ނޭޅިޔަސް،" ޖުނައިދު ވިދާޅުވި އެވެ.

މިހާރު އެކަން ހައްލުކުރުމުގެ ގޮތުން އެމްޕީއެލް ތެރޭގައި ޓޭންކެއް ހެދި އެ ޓޭންކަށް ތެޔޮއަޅާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ، މެރީޑިއަމުން އެމްޕީއެލްއާ އެއްކޮށް ހަދާފައިވާ އެއްބަސްވުމުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކު އަގު ކުޑަކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތަށް އެވަރުގެ ގެއްލުމެއް ވާ މައްސަލައެއްގައި އެއްވެސް ވަރަކަށް ބަލާނުލައި ކޯޓުން ނިންމުންތަކެއް ނުނިންމުމަކީ އުންމީދު ކަަމުގައި ޖުނައިދު ވިދާޅުވި އެވެ.

ސިވިލް ކޯޓުން އެމްޕީއެލްގެ މައްޗަށް އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ މެރީޑިއަމުން ހުށަހެޅި އެމައްސަލާގައި ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މަޢުލޫއީ ހައްގެއް ނުވަތަ މަރުކަޒެއް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

ޕޯޓްސް ލިމިޓެޑަށް މެރީޑިއަމް ނޫން ތިންވަނަ ފަރާތަކުން ތެޔޮ ސަޕްލައި ކޮށްދެމުންދާނަމަ މެރީޑިއަމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އެކުންފުނިން ހުށަހަޅާފައިވާ މައްސަލާގައި ބަޔާންކޮށްފައިވާ ކަަމަށްވެސް އަމުރުގައިވެ އެވެ.

އެހެންކަމުން ޝަރީއަތުން ވަކިގޮތެއް އަންގެންދެން ޕޯޓްސްގެ ތެޔޮ ސަޕްލައިކުރަން ހަމައެކަނި މެރީޑިއަމަށް ދޭން ކޯޓުން ވަނީ އަންގާފައެވެ.

comment ކޮމެންޓް