އަޅުގަނޑު މައާފަށް އެދެންޖެހޭ ސަބަބެއް ނެތް: އަސްއަދު

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު: އޭނާ ވިދާޅުވަނީ ރައީސް މައުމޫންގެ އަރިހުން މައާފަށް އެދެންޖެހޭ ސަބަބެއް ނެތް ކަމަށް ---- ސަން ފައިލް ފޮޓޯ

މިދިޔަ ޖުލައި މަހުގެ ތެރޭގައި ޕީޕީއެމުން ބޭއްވި ކައުންސިލް ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގެންނެވި މައްސަލަ އާއި އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރެއްވި މައްސަލާގައި އޭނާ މައާފަށް އެދެންޖެހޭ ސަބަބެއް ނެތް ކަމަށް ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަސްއަދު ވިދާޅުވީ ކުށެއް ނުކުރާ މީހަކު މައާފަށް އެދެންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"އަޅުގަނޑު އެއްވެސްގޮތަކަށް ކުށެއް ނުކުރަން. ކުށެއް ނުކުރާ މީހަކު މައާފަށް އެދެންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަސްއަދު ވިދާޅުވިއެވެ.

އަސްއަދު މިހެން ވިދާޅުފައިވާއިރު، ޕީޕީއެމުން ބޭއްވި ކައުންސިލް ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގެންނެވި މައްސަލާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވަނީ ރައީސް މައުމޫންެގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.

އަސްއަދު ވިދާޅުވީ އެންމެފަހުން ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ބޯއިކޮޓް ވެގެންދިޔައީ މެޖޯރިޓީ ގެއްލުމުން ކަމަށެވެ. އަދި އެ ބައްދަލުވުމުގެ މެޖޯރިޓީ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އޭނާ އެކަނި ނޫން ކަމަށް ވެސް އަސްއަދު ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވީ އޭނާ މައާފަށް އެދެންޖެހޭނެ ކަމަށް ބުނާއިރު، ދެ އަހަރު ވަންދެން ޕާޓީގެ މެމްބަރެއްގެ ގޮތުގަ އާއި ކައުންސިލް މެމްބަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި ނަމަވެސް ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި އޭނާގެ ނަން ނެތް ކަމަށެވެ. އެހެންކަމުން ފުރަތަމަ މައާފަށް އެދެންޖެހޭނީ ޕީޕީއެމް އޮފީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް