ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާއަށްކަމަށް ވިދާޅުވެ، އިނިގިރޭސިވިލާތަށް ވަޑައިގެން އެގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުންވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން، ސިޔާސީ އަދި މަދަނީ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އެ ހައްގުތައް އަނބުރާ ހޯދުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅައިފި އެވެ.
ރައީސް ނަޝީދުގެ ފަރާތުން އެ މައްސަލަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅީ ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުންނެވެ. އެ މައްސަލަ މިއަދު ހުށަހަޅާފައިވާއިރު ރައީސް ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ހައްގުވެސް އަނބުރާ ހޯއްދަވައި ދެއްވުމަށް ވެސް ވަނީ އެދިފައެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބުނެފައިވާ ސިޔާސީ އަދި މަދަނީ ހައްގުތަކެއް ރައީސް ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ސަން ފޮޓޯ/ ފަޔާޒު މޫސާ
"އެނގިވަޑައިގަންނަވާނެ މީގެކުރިން ޔޫއެންގެ ވޯކިން ގުރޫޕު އޮން އާބިޓްރޭޓް ޑިޓެންޝަނުން ވަނީ ނިންމަވާފައި ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ގާނޫނާ ހިލާފު ހުކުމެއްކަން. އަދި އެ ޝަރީއަތް ހިންގުމުގައި ރައީސް ނަޝީދުގެ ކިބައިން ވަރަށް ގިނަ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ، އދ.އަށް ހުށަހެޅި މައްސަލާގައި ހިމެނޭ ސިޔާސީ ހައްގުތަކުގެ ތެރޭގައި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައިވާތީ އެކަން ހިމެނޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ، އދ.އަށް ހުށަހަޅާފައިވާ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްފަހު މައްސަލައިގައި ސަރުކާރަށް ޖަވާބުދާރީވުމަށް ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ އދ.ގެ މެންބަރެއްގެ ގޮތުގައި މުއާހަދާތަކުގައި ބައިވެރިވެގެން ރާއްޖެ މަސައްކަތްކުރައްމުންދާއިރު މިކަންކަމަށް ސަރުކާރުން އަމަލުނުކުރާނަމަ ދެން އޭގެ ފަހުން ބާއްވާ އިންތިހާބެއްގެ ސައްހަކަމާމެދު އދ.އިން ސުވާލު އުފައްދާނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ، މި ދަނޑިވަޅަކީ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ ވަރަށް ބޮޑަށް "މޮނީޓާ" ކުރަމުންދާ ދަނޑިވަޅެއް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އދ.ގެ ކޮމެޓީއަށް އެފަދަ މައްސަލައެއް ހުށަހެޅި ވަކި ގޮތަކަށް އަމަލުކުރުމަށް ސަރުކާރަށް އަންގައިފި ހާލަތެއްގައި އެ ގޮތަށް އަމަލުނުކޮށްފި ނަމަ އެއީ ވަރަށް ސީރިއަސް ކަމަކަށް ވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.