ކޮށްދިއްޕަރު އިންވެސްޓްމެންޓްސްއިން ތަރައްގީކުރަމުން އައި ކ. ކޮށްދިއްޕަރު ރިސޯޓު، 65 މިލިޔަން ޑޮލަރަށް ސިންގަޕޫރުގެ ކުންފުންޏަކަށް ވިއްކާލައިފިއެވެ. ކޮށްދިއްޕަރަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އައި ރަށެކެވެ.
ސިންގަޕޫރުގެ ޕާކް ހޮޓެލް ގްރޫޕާއި ޗިޕް އެންގް ސެންގް ކޯޕަރޭޝަނާ ގުޅިގެން ކ. ކޮށްދިއްޕަރު ގަނެފައިވާ އިރު، އެތަން "ގްރޭންޑް ޕާކް ކޮށްދިއްޕަރު"ގެ ނަމުގައި އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވުމަށް ޕާކް ހޮޓެލް ގްރޫޕުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކ. ކޮށްދިއްޕަރަކީ ފިނޮޅެއްގެ ގޮތުގައި މީގެ ކުރިން އޮތް ތަނެކެވެ. އަމިއްލަ ފަރާތަކުން އެތަން ހިއްކުމަށްފަހު، ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމުގައިވާ އަމީން ކޮންސްޓްރަކްޝަނުގެ ވެރިޔާ އަބްދުﷲ މުހައްމަދަށް ވިއްކާލިއެވެ.
އެއާ ވިދިގެން، އަބްދުﷲ ވަނީ، އެތަނުގައި ރިސޯޓެއް ހެދުމަށް ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހަޅާފައެވެ. އެ ޕްރޮޕޯސަލްއާ ގުޅިގެން 2013 ވަނަ އަހަރު، ސަރުކާރުން ވަނީ ކޮށްދިއްޕަރުގައި ރިސޯޓެއް އެޅުމުގެ ހުއްދަ ދީފައެވެ. އެ ރިސޯޓު ހެދުމަށްޓަކައި، އަބްދުﷲގެ ހިއްސާވާ ޓޮޕް ޑެކް އިންވެސްޓްމަންޓް ކިޔާ ކުންފުންޏެއްގެ 90 ޕަސެންޓް ހިއްސާ އާއި ސަރުކާރުގެ 10 ޕަސެންޓް ހިއްސާވާ ގޮތަށް "ކޮށްދިއްޕަރު އިންވެސްޓްމަންޓް"ގެ ނަމުގައި ޖޮއިންޓް ވެންޗާ ކުންފުންޏެއް، 2013 މެއި 21 ގައި އުފެއްދިއެވެ.
ކޮށްދިއްޕަރުގައި ރިސޯޓު އެޅުމުގެ ހުއްދަ 2013 ވަނަ އަހަރު ދިނީ، ހުޅުމާލޭގައި 100 ހައުސިންގް ޔުނިޓު ނުވަތަ 50 ލަގްޒަރީ ވިލާ އަޅާ ގޮތަށެވެ.
ސިންގަޕޫރުގެ ކުންފުނިން ކޮށްދިއްޕަރު ގަނެފައިވާ އިރު، މިއީ އެކުންފުނިން ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓެވެ.
"ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓްގެ ދަށުން، ރާއްޖެ އޮތީ މުޅި ދުނިޔޭގައި ވެސް ރިސޯޓު މަންޒިލެއްގެ ގޮތުގައި ވަރަށް ކުރިއަރާފައި،
"2016 އަހަރުގެ މާކެޓިންގް ކެމްޕޭނާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި އިތުރު ފްލައިޓުތައް ރާއްޖެ ގެނައުން ފަދަ، ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ޕާކް ހޮޓެލް ގްރޫޕުގެ ސީއީއޯ އެލެން ލޯ ވިދާޅުވިއެވެ.
ކޮށްދިއްޕަރުގައި ހުޅުވަން ތައްޔާރުވާ "ގްރޭންޑް ޕާކް ކޮށްދިއްޕަރު" ރިސޯޓުގައި މޫދު ކޮޓަރިއާއި ބީޗް ވިލާ ހިމެނޭ ގޮތަށް 120 ވިލާ ހުންނާނެ ކަމަށް ޕާކް ހޮޓެލްސްއިން ބުނެއެވެ.