އުރީދޫ އީ ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިރޭގެ ނިޔަލަށް

އުރީދޫ އީ ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިރޭގެ ނިޔަލަށް --- ފޮޓޯ: އުރީދޫ

އުރީދޫ ނޭޝަން ރަމަޟާން އީ ސްޕޯޓްސް ފެސްޓިވަލް ޓޫކޭ 26 ގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭގެ ނިޔަލަށް ހަމަވާނެ ކަމަށް އުރީދޫން ބުނެފިއެެވެ.

ޔޫތު މިނިސްޓްރީއާ ގުޅިގެން އުރީދޫން ކުރިއަށްގެންދާ މި ފެސްޓިވަލް މިދިޔަ އަހަރު ވެސް ބާއްވައިފައިވެއެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ މަގުސަދަކީ ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ވާދަވެރި ގޭމިން ސަގާފަތެއް ކުރިއަރުވައި، ރަމަޟާން މަހު ޑިޖިޓަލްކޮށް މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މި ފެސްޓިވަލްގައި އޮންލައިން އަދި އިން ޕާސަން މުބާރާތްތައް ވެސް ހިމެނެއެވެ. އަދި ކުޅޭ ގޭމްތަކުގެ ތެރޭގައި ޕަބްޖީ މޮބައިލް (ޕަބްޖީއެމް)، މޮބައިލް ލެޖެންޑްސް އަދި ބޭންގް ބޭންގް (އެމްއެލްބީބީ) މުބާރާތްތައް ހިމެނެއެވެ.

އެ މުބާރާތްތަކުގެ މެޗުތައް އޮންލައިންކޮށް ފަށާފައި ވާކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ، އޭއެފްސީ އަދި ޓެކެން މުބާރާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔޫތް ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކަމަށެވެ. އެ މުބާރާތްތަކަށް ރެޖިސްޓްރޭޝަން މުއްދަތު ހަމަވަނީ މިރޭގެ 11:59 ގައި ކަމަށް އުރީދޫން ބުނެއެވެ.

ޔޫތު ހަބަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބީޓް ސޭބާ، ރޭސިން ސިމިއުލޭޓާ، ނިންޓެންޑޯ ސްޕޯޓްސް، މޯޓަލް ކޮމްބެޓް އަދި އީއޭއެފްސީ ފަދަ ތަފާތު އިންޓަރެކްޓިވް ގޭމްތައް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫން ބުނީ މި ފެސްޓިވަލަކީ އީ ސްޕޯޓްސްގެ މުހިއްމުކަން ދައްކުވައިދޭ ފެސްޓިވަލެއް ކަމަށެވެ. ވާދަވެރިކަމާއި، މުނިފޫހިފިލުވުމާއި، އާންމުންގެ ބައިވެރިވުން އެއްކޮށްލައިގެން ގެނެސްދޭ މި ފެސްޓިވަލްގައި ދައްކުވައިދެނީ، ގޭމިންއަކީ ވެސް ގުޅުންތައް ބަދަހިކޮށްދޭ، އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދޭ ކަމެއްކަން ކަމަށް އުރީދޫން ބުނެއެވެ.

comment ކޮމެންޓް