ކޮއްދިއްޕަރުގައި ރިސޯޓެއް ހަދަން ހުއްދަދީފި

ހުޅުމާލޭގައި 100 ހައުސިން ޔުނިޓް ނުވަތަ 50ލަގްޒަރީ ވިލާ އަޅާ ގޮތަށް މާލެ ކައިރީގައި އޮންނަ ކޮއްދިއްޕަރުގައި ރިސޯޓެއް ހަދަން ސަރުކާރުން ހުއްދަ ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަމީން ކޮންޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން އެ ރަށުގައި ރިސޯޓެއް ހަދަން ހުއްދަ ދިނުމަށް މި އަހަރުގެ ޖެނުއަރީ މަހު 1 ވަނަ ދުވަހު ރައީސް އޮފީހުން އަންގަވާފައިވާ ކަމަށެވެ. އަދި އެ އެންގެވުމާ ގުޅިގެން އަބްދުﷲގެ ހިއްސާވާ ޓޮޕް ޑެކް އިންވެސްޓްމަންޓް ކިޔާ ކުންފުންޏެއްގެ 90 ޕަސެންޓް ހިއްސާ އާއި ސަރުކާރުގެ 10 ޕަސެންޓް ހިއްސާވާ ގޮތަށް ކޮއްދިއްޕަރު އިންވެސްޓްމަންޓްގެ ނަމުގައި ޖޮއިންޓްވެންޗާ ކުންފުންޏެއް މެއި 22ގައި އުފައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ރަށުގައި ރިސޯޓް ހަދަން ކުލީގެ އެއްބަސްވުމުގައި ސޮއިކުރާތާ 24 މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި އެ ކުންފުނިން އަޅަން ބުނި ހައުސިން ޔުނިޓްތައް އަޅާ ނިންމަން ޖެހޭނެ. އަޅުގަނޑުމެން ވަނީ މީގެ މަހެއްހާ ދުވަސްކުރިން އެ ރަށުގައި ރިސޯޓް ހަދަން ހުއްދަދީފައި. ނަމަވެސް ކުލީގެ އެއްބަސްވުމުގައި ސޮއެއްނުކުރޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ދަތުރުތަކުގައި ދާން ހާއްސަކޮށްފައި އޮތް ރަށުގައި އަޅަނީ ކިތައް ކޮޓަރި ކަމެއް އަދި ނޭނގޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

މީގެ އަހަރުތަކެއް ކުރިން ކޮއްދިއްފިނޮޅު ހިއްކައިގެން ބޮޑުކުރި އިރު، އެ ރަށުގައި މިހާރު ތިން ހެކްޓަރު ހުރެ އެވެ. އަދި އެ ރަށުގެ ކުލީގެ ގޮތުގައި އަހަރަކު 240،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ފިނޮޅެއްގެ ގޮތުގައި ކުރިން އޮތް ތަން އަމިއްލަ މީހަކު ހިއްކައިގެން ބޮޑުކުރުމަށް ފަހު މީގެ އަހަރުތަކެއް ކުރިން ވަނީ އަމީން ކޮންޓްރަކްޝަންގެ ވެރިޔާ އަބްދުﷲ އަށް ވިއްކާލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު