ގދ. ތިނަދޫ އިންޖީނުގޭގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް މަޑުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ ތިނަދޫގެ އާ އިންޖީނުގޭގެ މަސައްކަތް، އެޑްވާންސް ސްޓީލް ސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގައި ކަމަށެވެ. އެ ކުންފުންޏާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމަސައްކަތް ނިންމަން ޖެހޭ އިރު މިހާތަނަށް ނިމިފައިވަނީ އެމަސައްކަތުގެ 10 ޕަސެންޓު ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން ބަލާ ބެލުމުގަ މި މަސައްކަތް ވަރަށް ސްލޯކޮށް ދަނީ. ޑިސެމްބަރު މަހާ މިހާ ގާތް ވެފަ އޮތް އިރުގަ އަޅުގަނޑުމެންގެ މޮނިޓަރިންގ ޓީމުން ބުނަނީ އަދި ނިމުނީ މި މަސައްކަތުގެ 10 ޕަސެންޓު ކަމަށް. މިކަން އަޅުގަނޑުމެން މިދަނީ ތަންކޮޅެއް ކްލޯޒްކޮށް މޮނިޓާ ކުރަމުންދާނަން،" ޝަރީފް ވިދާޅުވިއެވެ.
ތިނަދޫގައި އާ އިންޖީނުގެއެއް އަޅަން ނިންމީ އެރަށު އިންޖީނުގޭގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް ގެއްލުންވުމާ ގުޅިގެންނެވެ. އިންޖީނުގެ އެނދުމުގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑިގެން ދިޔައެވެ. ހަތަރު ރެއާ ތިން ދުވަހަށްފަހު ތިނަދު އަށް އަލުން ކަރަންޓު ދޭން ފަށާފައި ވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގައެވެ.
ފެނަކައިން ބުނީ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ގެއްލުމުގެ އަގު 22 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށެވެ.