އުރީދޫގެ "ހިނގާ" ޕްރޮމޯޝަންގެ ތިންވަނަ އޭޓީވީ ހަވާލުކޮށްފި

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ “ހިނގާ” އޭޓީވީ ޕްރޮމޯޝަންގެ ތިންވަނަ ނަސީބުވެރިޔަކަށް ޅ. ހިންނަވަރު، އަލީ ޝަރީފް ހޮވިއްޖެއެވެ.

މިއީ މި އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ ދަށުން އޭޓީވީ ލިބުނު ތިންވަނަ ކަސްޓަމަރެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު 20ގައި ފެށި މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އުރީދޫއިން ބުނި ގޮތުގައި، ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ފަހަރަކު ވެސް އެއް ކަސްޓަމަރަކަށް އޭޓީވީއެއް ލިބޭނެއެވެ. މިހާތަނަށް ތިން ނަސީބުވެރިން ހޮވާފައިވާއިރު، މި ޕްރޮމޯޝަނުގައި އަދި ބާކީ ތިން އޭޓީވީ ދޫކޮށްލާނެއެވެ.

މި ގުރުއަތުލުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ވަކި ޝަރުތުތަކެއް ފުރިހަމަކުރާ ކަސްޓަމަރުންނަށެވެ. އެގޮތުން، ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ޚިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ޚަރަދުކޮށްފައިވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މީގެ ތެރޭގައި އުރީދޫގެ މޮބައިލް ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތްތައް ހިމެނެއެވެ. އަދި ގުރުއަތުލާ ދުވަހާ ހަމައަށް އެ ކަސްޓަމަރެއްގެ ޚިދުމަތް އެކްޓިވްކޮށް ބަހައްޓަންޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރު އުރީދޫ ބޭނުންކުރާ ކަސްޓަމަރުންނާއި، މި މުއްދަތުގެ ތެރޭގައި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ.

ގުރުއަތުން އޭޓީވީ ލިބޭ ކަސްޓަމަރުންނަށް ވެސް ގްރޭންޑް ޕްރައިޒް ނުވަތަ ހަވަނަ ގުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ކަމެކެވެ.

މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި، ކަސްޓަމަރުންގެ އިތުބާރާއި ލޯތްބަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިފަދަ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމާއި ފައިދާ ހޯދައިދެމުންދާ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފައިވެއެވެ.

comment ކޮމެންޓް