މުސީގެ އަޑެއް ދެން "ހަބޭސް" އަކުން ނީވޭނެ!

ހަބޭސްގެ ޝޯއެއްގައި މުސީ: އޭނާ ވަނީ ހަބޭސް އިން މިހާރު ވަކިވެފައި --- ފޮޓޯ/ ފްރޭމްޑް

ދިވެހި ލަވައިގެ ދުނިޔޭގައި މިއަދު އެންމެ ގަދަ އަޑަކީ ބޮޑުބެރުގެ އެކި ހަރުބީތަކުގެ އަޑެވެ. މި ފޯރިގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ގްރޫޕަކީ "ހަބޭސް" ބޮޑުބެރު ގުރޫޕެވެ. ރާއްޖޭގެ އެންމެ ފޭންބޭސް ބޮޑު ބޮޑުބެރު ގްރޫޕުގެ ޝަރަފާއެކު އެ ގްރޫޕުގެ ލަވަތަކުން މީގެ ކުރިން ރާއްޖެ ދެކެފައިނުވާ ޖޯޝަކާއި ފޯރިއެއް މިވަނީ ދިވެހި މިއުޒިކީ ޖައްވަށް ގެނެސްދީފައެވެ.

ނަމަވެސް "ހަބޭސް"ގެ ލަވަތަކަށް އިތުރު ހަބޭސް ކަމެއް ގެނެސްދިނީ ދިވެހިންގެ ބޮޑުބެރަށް އިންގިލާބެއް ގެނައި ޒަމާނީ ބޮޑުބެރުގެ ދިވެހި ރަންއަޑު ޒުވާން ވޯކަލިސްޓް ހަސަން މުސްހަފު (މުސީ) އެވެ. އޭނާގެ އަޑުގެ ޖާދޫގައި ނުޖެހޭ މީހަކު ނެތެވެ. އޭނާގެ ހިނިތުންވުމުން ކަތިނުލާ ހިތެއް މަދެވެ.

ހަބޭސް މިއަދު ދެކެމުންދާ ކާމިޔާބީގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރާ އުމުރުން އެންމެ 21 އަހަރުގެ މުސީއަކީ އަމިއްލަވަންތަ ކަމެއް ގެންގުޅޭ ބޮޑުބެރުގައި މިސާލެކެވެ. ލަވަކިޔުމަކުން އެކަންޏެއް ނޫނެވެ. ބެރުޖަހައި އެ ބެރުގެ ހަރުބީއާ އެއްވަރަށް ފައިހަމަކޮށް ނެށުމުން ވެސް އެއީ އަރާހުރި ޒުވާނެކެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި ހަބޭސްގެ ހުށަހެޅުމެއްގައި މުސީ (މ)ގައި --- ފޮޓޯ/ ފޭސްބުކް

ގަލޮޅު މަދަރުސާއިން ނާސަރީ ތައުލީމު ހާސިލްކޮށްފައިވާ މުސީ އަކީ ކުޑައިރުއްސުރެ ވެސް ލަވަކިއުމަށް ޝައުގުވެރިވާ ޒުވާނަކެވެ. ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ، ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިއާ އަލީ ރަމީޒަކީ އޭނާގެ އައިޑޮލް އެވެ. އޭނާގެ ބޮޑު ފޭނެކެވެ.

ޖަމާލުއްދީން ސްކޫލުން ޕްރައިމަރީ ތައުލީމް ހާސިލްކުރި ދުވަސްވަރު އޭނާވަނީ ސްކޫލްތަކުގެ ލަވަކިއުމުގެ މުބާރާތްތަކުގައި ވެސް ބައިވެރިވެ ފައެވެ. ނަމަވެސް ބޮޑުބެރުގެ ތެރެއަށް މުސީއަށް ވަދެވުނީ ދަރުމަވަންތަ ސްކޫލުގެ ބޮޑުބެރު ގްރޫޕަށް އޭނާ ލަވަކިޔަން ފެށި ހިސާބުންނެވެ. އެއީ ހަބޭސްއާ އޭނާ ގުޅާލަދިން ފާލަމެވެ. އެންމެންގެ ތެރެއަށް އޭނާ ނެރެދިން ޕްލެޓްފޯމަކީ އެއީއެވެ.

ދެހާސްބާރަ ވަނަ އަހަރު އުފެދިގެން އައި ހަބޭސްއާ މުސީ ގުޅުނީ 2013 ވަނަ އަހަރު ޓީވީއެމް އިން ބޭއްވި ބޮޑުބެރު ޗެލެންޖުގައެވެ. އޭގެ ފަހުން ބޮޑުބެރު ޗެލެންޖުގައި ހަބޭސް ބޮޑުބެރު ގްރޫޕުން ބައިވެރިވި ދެ ފަހަރުވެސް މުސީ ދައުރު ބޮޑެވެ. ހަބޭސްގައި އޭނާ ދެއްކި ހުނަރު ފެނި އެތައް ބަޔަކު އޭނާއަށް އެދުނެވެ. ފައިސާވެސް ހުށަހެޅި އެވެ.

"ހަބޭސް އަކީ އެންމެންގެ މަސައްކަތެއް. އެއީ އެއް އާއިލާއެއް. ހަބޭސް އަށް ދިޔަފަހުން ވެސް އެންމެ ދެ ޝޯއަކަށް ނުދެވެނީ. ކޮމިޓްމަންޓް ދީފައިވާނެ"

"ހަބޭސް" ބޮޑުބެރު ގްރޫޕުން ލިބުނު ފުރުސަތަކަށް މިސްރަށް ކުރި ދަތުރުގައި މުސީ (ވ) ގްރޫޕުގެ ބައެއް މެމްބަރުންނާއެކު ސެލްފީއެއް ނަގަނީ --- ފޮޓޯ/ ފޭސްބުކް

"ހަބޭސްގަ އުޅުނުއިރުވެސް ގުޅާނެ ވަރަށް ގިނައިން ގެންދަންވެގެން. ޗެލެންޖާ ކައިރިކޮށްފަ. ދުވަހަކުވެސް ނީންނާނެ ދާނަމެކޭ ބުނަފައެއް. ދިމާލަށް ބުނެފަ އިންނާނީ. ލާރި ދިނަސް ނުދާނަމޭ،" ހަބޭސް ބޮޑުބެރު ގްރޫޕަށް ގާތްގަނޑަކަށް 20 އަށްވުރެ ގިނަ ލަވަ ކިޔައިދީފައިވާ މުސީ ބުންޏެވެ.

މުސީ އޭރު ގަބޫލުކުރާ ގޮތުގައި ހަބޭސް ބޮޑުބެރު ގްރޫޕަކީ ރާއްޖޭގައި އުފެދުނު ދެވަނައެއް ނެތްފަދަ ބޮޑުބެރު ގްރޫޕެކެވެ. އެ ގްރޫޕް ދޫކޮށްލުމުގެ ހިޔާލެއް ވެސް މުސީ ނުގެންގުޅެއެވެ. ނަމަވެސް މިއަދު މުސީ މިވަނީ ހަބޭސް އިން ވަކިވެފައެވެ. އޭނާގެ އަޑެއް ދެން ހަބޭސް އަކުން ނީވޭނެއެވެ.

"ހަބޭސްގަ އެންމެ އިސްކޮށް އުޅުނު މީހުންގެ މަސައްކަތް އެޕްރިޝިއޭޓް ނުކޮށްގެން ވަކިވާންޖެހުނީ،" ހަބޭސް ބޮޑުބެރު ގްރޫޕުން ވަކިވާންމެދުވެރިވި ސަބަބު "ސަން"އާ ހިއްސާކުރަމުން މުސީ ބުންޏެވެ.

ޒަމާނީ ބޮޑުބެރުގެ ދިވެހި ރަންއަޑު ޒުވާން ވޯކަލިސްޓް ހަސަން މުސްހަފު (މުސީ) ހަބޭސްއާއެކު އެންމެ ފަހުން ކުރި ދަތުރުގައި --- ފޮޓޯ/ ފޭސްބުކް

މުސީ ބުނިގޮތުގައި ހަބޭސް އިން އޭނާއަށް މަޝްހޫރުކަން ލިބުނުނަމަވެސް، އޭނާ މީހަކަށްވީ އޭނާގެ އަމިއްލަ ބުރަ މަސައްކަތުންނެވެ. ލަވަތައް އަޑުއަހައި، މީހުންދިން ނަސޭހަތް އަޑުއަހައި އެކަންތައްތައް ރަގަނޅު ކޮށްގެންނެވެ. އޭނާގެ އަމިއްލަ ކުރިއެރުމަށް ވަރަށް މަސައްކަތްކުރި ކަމަށް މުސީ ބުންޏެވެ.

ދެން މިހިސާބުން އުފެދޭ އޮތީ އެންމެ ސުވާލެކެވެ. މުސީގެ އަޑު ދިވެހިންނަށް އަދިވެސް އިވިގެން ހިނގައިދޭނެ ކަމާމެދު ކުރާ ސުވާލެވެ. އެކަމަށް މުސީ ދިނީ އުއްމީދީ އަދި އޭނާގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ.

"ފެންނާނެ. ލަވަކިޔާނެ އަދިވެސް. ނަމަވެސް އެއީ ސަޕްރައިޒެއް. އިރާދަކުރެއްވިއްޔާ ކުރިއަށްވުރެ ފުރިހަމަ ވާނެ ދެން،" މުސީ ބުންޏެވެ.

comment ކޮމެންޓް