މާޒިން މަރާލިކަމަށް ތުހުމަތު ކުރެވޭ މީހުންގެ އަޑުއެހުންތައް ނިންމާލައިފި

އަހްމަދު މާޒިން: އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އަޑުއެހުންތައް ވަނީ ނިންމާލާފައި ----

ދެހާސް ސާދަ ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނ. މިލަދޫ ދިއްގާމާގޭ އަހްމަދު މާޒިން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފިއެވެ.

ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު 9:40 އެހާކަންހާއިރު ސައިކަލުގައި އަޑިޕާކް ކައިރިއަށް ގޮސް ގއ. ދެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހީމް ސައިކަލްގައި މަޑުކުރުމުން އެ ސައިކަލްގެ ފަހަތުގައި އިން އއ. މާޅޮސް މީނާޒު އިސްމާއީލް އުސާމް ޕާކްތެރެއަށް ވަދެ ތޫނު އެއްޗަކުން މާޒިން އަށް ހަމަލާދީފައިވާ ކަމަށެވެ.

އަދި ހއ. ބާރަށް މުޝްތަރީގޭ ހާނިފް އިމްތިޔާޒު ސައިކަލްގައި މަޑުކުރުމުން އެ ސައިކަލްގެ ފަހަތުގައި އިން ތ. ވިލުފުށީ ނަލަހިޔާގޭ މޫސާ ހުސައިން ޕާކް ތެރެއަށް ވަދެ އެ ޕާކް ތެރޭގައި ހުރި ހ. ސައިބާން އަލީ ރިފާންގެ ގައިގެ އެކިތަންތަނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.

އެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާޒިން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އޭނާ މަރުވީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިސްމާއީލް އުސާމް، މިދުހަތު އިބްރާހީމް، ހާނިފް އިމްތިޔާޒު އަދި މޫސާ ހުސައިން ---- ސަން ފޮޓޯ

އެ ހަމަލާގައި ރިފާނަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އެ ދައުވާ އަށް އެ ހަތަރު މީހުން އިންކާރު ކުރުމުން ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީން ވަނީ އެ މީހުން މާޒިން އަށާއި ރިފާނަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނެ ހެކިބަސްދީފައެވެ.

މަންޒަރު ދުށް ދެ މީހުން ސިއްރުން ކޯޓުގައި ހެކިބަސްދިނީ ފުލުހުންގެ ތަހުގީގަށް އެމީހުން ދިން ބަޔާނުގައިވާ ގޮތަށެވެ.

ކްރިމިނަލް ކޯޓުގައި ހެކިބަސް ދިނުމަށްފަހު އެމީހުން ވަނީ ކޯޓަށް ދިން ބަޔާނުގައި ސޮއިކުރަން އިންކާރުކޮށްފައެވެ. ތަކުރާރުކޮށް ކޯޓުން ގުޅުމުން ވެސް ބަޔާނުގައި ސޮއިކުރަން އެ ދެ މީހުން ކޯޓަށް ހާޒިރެއް ނުވިއެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ މިހާރު ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ ހެކިބަސްދިން ދެ މީހުން މެޖިސްޓްރޭޓް ކޯޓެއްގައި ވަސިއްޔަތެއް ކޮށްފައިވާ ކަމަށާއި އެ ވަސިއްޔަތް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ވަސިއްޔަތެއް ކަމެއް ބާރީ ވިދާޅެއް ނުވެއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ މީހުންގެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅައިފައެވެ. މިއަދު އަޑުއެހުންތައް ނިންމާލާފައިވާއިރު، އެ މައްސަލަ ތަހުގީގު ކުރި ފުލުހުންނާއި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ އެނަލިސިސް ރިޕޯޓު ތައްޔާރު ކުރި ފަރާތް ހާޒިރުކޮށްފައެއްނުވެއެވެ.

comment ކޮމެންޓް