ވެސްޓަން ޔޫނިއަނުން ފޭރުނު ބައެއް ފައިސާތައް ހޯދައިފި

ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އިން ފޭރުނު ބައެއް ރުފިޔާ ހ. ތާޅަފިލިގޭގެ ސިޑި ގޮޅީގައި ----

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވެސްޓަން ޔޫނިއަން މަނީޓްރާންސްފާ އިން ފޭރުނު ފައިސާތަކުގެ ތެރެއިން ބައެއް ފައިސާތައް ހޯދައިފި އެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ ވެސްޓަން ޔޫނިއަނުން ފޭރުނު ފައިސާގެ ތެރެއިން 1،125،590 ދިވެހި ރުފިޔާއާ 321،603 ޑޮލަރު ހޯދުމަށްފަހު މިއަދު ހަވީރު 5:45 އެހާކަށްހާއިރު ބޭންކަށް ޖަމާކޮށްފައިވާ ކަމަށެވެ.

ވޭސްޓަން ޔޫނިއަނުން ރޭ ގިނަ އަދަދެއްގެ ފައިސާތަކެއް ބަޔަކު މީހުން ފޭރިގެންފައިވާއިރު، އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކުރިކަމުގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ވަގަށް ނެގި ފައިސާގެ ޖުމުލަ އަދަދެއްވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭ 12:45 ހާއިރު ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރެއަށްވަދެ އެތަނުގައި ތިބި މީހުންނަށް ވަޅިން ބިރުދެއްކުމަށް ފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފައިވާ ކަމަށެވެ.

އެ ފައިސާ ފޭރިގެންފައި ވަނީ އެ އޮފީސް ތެރޭގައި ތިބި މުވައްޒަފުން ބަނުމަށް ފަހު ވަޅިން ބިރުދައްކައިގެންކަން މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި މީހަކު ބުނީ ފައިސާތައް ފޭރިގަނެގެން އެމީހުން ބާރަށް ދުވެފައިގޮސް ވަނީ ހ. ތާޅަފިލިގެއަށް ކަމަށެވެ.

އެމީހުން ފޭރިގެން ގެންދިޔައީ ކިތައް ފައިސާ ދަބަސްކަން ނޭނގޭ ކަމަށާއި އެމީހުން ފޭރުނު ފައިސާ ދަބަހެއް ތަޅާފިލިގޭގެ ސިޑިގޮޅީގެ ތެރެއިން ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.

ފައިސާހުރި ދަބަހުގެ އިތުރުން ސިޑި ގޮޅީގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ހުރި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

ފައިސާތައް ފޭރިގަނެގެން ދުވެފައި ދިޔައިރު، އެމީހުންގެ ޖީބުތަކުން ފައިސާތަކެއް ބިންމަންޗަށް ވެއްޓިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ ފައިސާތައް މަގުމަތިން ފެނުނު މީހުން ވަނީ ފައިސާތައް ނަގައިގެން ގޮސް ފުލުހުންނާ ހަވާލުކޮށްފައި،" އޭނާ ބުންޏެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް ވަނީ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާގެ އޮފީހަށާއި ތާޅަފިލިގެއަށް ގޮސް ހަރަކާތްތެރިވެފަ އެވެ.

ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރޭގައި ތިބި ހަތަރު ބިދޭސީއަކު ބަނުމުގެ ގޮތުން އެމީހުންގެ ގައިގައި ކްލިޕް އަޅުވާފައިވާ ކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ.

ސަންއާ ވާހަކަދައްކަމުން ތާޅަފިލިގޭގައި ދިރިއުޅޭ މީހަކު ބުނީ ވެސްޓަން ޔޫނިއަނުން ފައިސަތައް ވަގަށް ނެގި މީހުން ފިލީ އެގެއަށް ވަނުމަށް ފަހު ކަމަށެވެ. ނަމަވެސް އެ މީހުން ފިލި ގޮތް ބުނެދޭން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް