ސުނާމީ ބިނާ މައިޒާނާއިި ރަސްފަންނާ ދެމެދުގައި އަޅާ ޖޮކިން ޓްރެކްގެ މަސައްކަތުގެ އަދި ނިމުނީ 30 ޕަސެންޓް ކަމަށާއި އެ މަަސައްކަތް ނިންމަން އަދި ހަފްތާއެއް ވަރުވާނެ ކަމަށް އެ މަސައްކަތްކުރާ ކުންފުނިން ބުނެފި އެވެ.
އެ މަސައްކަތްކުރާ ދިވެހި ކުންފުނި ސެކޫރައިޒް ޕްރައިވެޓް ލިމިޓެޑުން މީގެ ކުރިން ބުނެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެމަސައްކަތް ނިމޭނެ ކަމަށެވެ.
ސެކޫރައިޒް ޕްރައިވެޓް ލިމިޓެޑުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، މިހާރު މަސައްކަތް ނިމިފައިވަނީ ސުނާމީ ބިނާމައިޒާނުން ފެށިގެން ގޮސް އައިޖީއެމްއެޗާ ހަމައަށް ކަމަށެވެ.
މިހާރު މަސައްކަތް އޮތީ ވިއްސާރަ ވުމުން މެދުކެނޑިފައި ކަމަށާއި މޫސުން ތަންދޭނަމަ ވަރަށް އަވަހަށް މަސައްކަތް ފަށައި އަންނަ ހަފްތާގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މޫސުން މިހެން ރަނގަޅަށް އޮތިއްޔާ ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ނިމެނޭނެ. އެކަމަކު ވިއްސާރަ ނަމަ ނުކުރެވޭނެ. ފެނުގެ އަސަރެއް އުޅޭނަމަ މިއަޅާ ތެރަހެއް ތަތެއްނުލާނެ،" އޮފިޝަލް ވިދާޅުވިއެވެ.
ހަތް ސަތޭކަ މީޓަރު ދިގު މިނުގައި ހަދާ އެ ޓްރެކް މިހާރު މީހުން ބޭނުންކުރަމުންދާ އިރު އެ ޓްރެކަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ ރައްދުވެފައެވެ.
ސިންގަޕޫރުގެ ވިސްޓާރިޔާ ސިންގަޕޫރު ލިމިޓެޑުން ނަގާފައިވާ ޕްރޮޖެކްޓުގެ ދަށުން ހަދާ ޖޮގިން ޓްރެކްގެ މަތީގައި އަޅަން ފަށާފައިވާ ސިންތެޓިކް ރަބަރުތައް ވަނީ ނެއްޓިފައެވެ. ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ. އެ ޕްރޮޖެކްޓް ނިންމަން ދީފައިވާ މުއްދަތަކީ މިދިޔަ ޖުލައި މަހު 26 ވަނަ ދުވަހެވެ.