ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބުނު ނިކަމެތި ކަމެއް: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ

ކާޑުގެ ބާވަތްތައް ދެގުނައަށް ބޮޑުވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބުނު ނިކަމެތި ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި އުމަރު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރެއްވިޔަސް ގޯސް ކަމެއް ވާނީ ގޯސް ކަމަކަށް ކަމަށާއި ތަކެތީގެ އަގުތައް މިދަނީ އަތްނުފޯރާފަށަށް އުފުލިގެން ކަމަށެވެ.

"ތަކެތީގެ އަގުތައް މިދަނީ އަތްނުފޯރާ ފަށަށް އުފުލިގެންނެވެ. ވަކީން ޚާއްސަކޮށް ކާޑުގެ ބާވަތްތައް ދެގުނަ ބޮޑުވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ އިގްތިޞާދީ ސިޔާސަތާއި ރައީސް ޔާމީންގެ އިގްތިޞާދީ ސިޔާސަތާ ދެމެދު ފަރަގު ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކަރަންޓުގެ އަގު ބޮޑުކުރުމުން "ރައްޔިތުން ރަތަށް އެރީ" ކަރަންޓުގެ އަގު ބޮޑު ނުކުރައްވާނެ ކަމަށް ކެމްޕޭންގައި ވިދާޅުވުމަށްފަހު ވެރިކަމަށް ވަޑައިގެން ވައުދާ ޚިލާފުވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިއުލް ސާޗާޖުގެ ގޮތުގައި ކޮންމެ ޔުނިޓަކުން ހަތަރު ލާރި އިތުރަށް ނެގުމަށް ސްޓެލްކޯއިން މިދިޔަ ބުދަ ދުވަހު ނިންމި އިރު، ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އަންނަ ސަބްސިޑީ ކުއްލި ގޮތަކަށް ވަނީ ކަނޑާލާފައެވެ.

ސަރުކާރުން މީގެ ކުރިން ދިން ސަބްސިޑީއާ އެކު، ކޮންޓްރޯލްޑް އަގުތަކެއްގައި ވިއްކަމުން އައި ހަނޑޫކިލޯ 3.98 ރުފިޔާއިން 7.96 ރުފިޔާއަށް، ހަކުރު ކިލޯޯ 4.50 ރުފިޔާއިން އަށް ރުފިޔާއަށް، އަދި ފުށް ކިލޯ 3.50 ރުފިޔާއިން 5.96 ރުފިޔާއަށް އިއްޔެއިން ފެށިގެން ވަނީ އުފުލިފައެވެ.

ކާޑުގެ ސަބްސިޑީއަށް ގެނައި ބަދަލާ ގުޅިގެން އިކޮނޮމިކް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލުގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވީ، ސަރުކާރުން ސަބްސިޑީގެ ބައެއް އުނިކުރަން ނިންމީ ބޭރުގެ މާލީ އިދާރާތަކުގެ ފިއްތުންތަކެއް ރާއްޖެއަށް ކުރިމަތިވެފައި ވާތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަބްސިޑީ އެއްކޮށް ކަނޑާލީ ނޫން ކަމަށާއި ސަބްސިޑީން ބައެއް ސަރުކާރުން އުނިކުރީ ކަމަށެވެ. އެސްޓީއޯއިން އެތެރެކުރާ ހަނޑޫ، ހަކުރު އަދި ފުށުގެ ސަބްސިޑީގެ ބޮޑުބައެއް މިހާރު ވެސް "ހަމަ ކުރީގައި އޮތްގޮތަށް ބޭއްވިފައި"ވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދެން ދޭނީ އެންސްޕާ މެދުވެރިކޮށް، ނިކަމެތިންނަށް އެކަންޏެވެ. އެއީ ބޮލަކަށް މަހަކު 40 ރުފިޔާއެވެ.

ކާޑުގެ ބާވަތްތަކާއި ކަރަންޓުގެ އަގު ބޮޑުވުމާ ގުޅިގެން ތަކެތީގެ އަގު ވެސް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ހަނޑޫ، ހަކުރު އަދި ފުށުން އުފައްދާ ކާނާގެ ބާވަތްތަކުންނެވެ.

އެންސްޕާއިން ބުނީ، ކާޑު ސަބްސިޑީއަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ސަބްސިޑީ ދިނުމުގެ ކަންތައްތައް އެ އޭޖެންސީ މެދުވެރިކޮށް ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ސަބްސިޑީއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ބޭނުންވާ ލިޔެކިއުންތަކާ އެކު އެ އޭޖެންސީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށް ވެސް އެންސްޕާއިން ބުންޏެވެ.

ކާޑުގެ ސަބްސިޑީ ދިނުމަށް ހަމަޖެހިފައި ވަނީ މަހުން މަހަށް އެފަރާތެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްގެންނެވެ.

comment ކޮމެންޓް