އަލްޖަޒީރާ އިން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން އަދީބާ ސުވާލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ---- ސަން ފައިލް ފޮޓޯ

ދިވެހި ސަރުކާރާ ގުޅޭގޮތުން އަލްޖަޒީރާ އިން ގެނެސްދިން "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީއާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި އޭސީސީން އަދީބާ ސުވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި އަދީބާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

އަދީބު ވިދާޅުވެގެން ރައީސް ޔާމީންގެ އަތްޕުޅަށް ގިނަ އަދަދެއްގެ ޑޮލަރު ދީފައިވާނެ ކަމަށް އަދީބުގެ ޑްރައިވަރަކަށް އުޅުނު ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ވަނީ އެ ޑޮކިއުމެންޓީގައި ބުނެފައެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެކަމާ ގުޅޭގޮތުން އަދީބާ ވަނީ ސުވާލުކޮށްފައެވެ. އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ފޯނު ނުނަންގަވާތީ މިކަމާ ބެހޭގޮތުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އޮއިއްޓޭގެ އިތުރުން މ. ސެސްނާ މުހައްމަދު އައްލާމް ލަތީފާއި މ. ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީ އެ ޑޮކިއުމެންޓްރީއަށް ދިން އިންޓަވިއުގައި އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކުރި ގޮތް ކިޔައިދެއެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ޑޮކިއުމެންޓްރީގައިކޮށްފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވަނީ ވިދާޅުވެފައެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައި ވަނީ އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅުވައިގެން ގެނެސްދީފައިވާ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރަންޖެހޭ ފަރާތްތަކާ އެ ކޮމިޝަނުން ސުވާލު ކުރާނެ ކަމަށެވެ.

comment ކޮމެންޓް