މިރެއިން ފެށިގެން ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ގްރީން ޓެކްސް ނަގަނީ!

އއ. ތޮއްޑޫ ގެސްޓްހައުސްއެއް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކުން މިރެއިން ފެށިގެން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ތިން ޑޮލަރުގެ ގްރީން ޓެކްސް ނަގަން ފަށާނެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް މިދިޔަ ޖޫން މަހުގެ ފަހުކޮޅު ގެނައި އިސްލާހުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނެގޭނެ ކަމަށެވެ.

ގާނޫނަށް ގެނައި އިސްލާހު ބުނާ ގޮތުން ގްރީން ޓެކްސް ނަގަން ޖެހޭނީ 2016 އޮކްޓޫބަރު އެއްވަނަ ދުވަހުން ފަށައިގެންނެވެ. އެހެންކަމުން މިރޭ ދަންވަރު 12:00 އިން ފެށިގެން ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާން ފަށާނެއެވެ.

ޓޫރިޒަމް ގާނޫނަށް ސަރުކާރު ހިންގާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހުގައި ހުށަހަޅާފައިވަނީ ގްރީން ޓެކްސްގެ ގޮތުގައި ބޮލަކަށް ހަ ޑޮލަރު ނެގުމަށެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އެ އަދަދު ވަނީ ދެބައި ކުޅަ އެއްބައި ކުޑަކޮށް، ތިން ޑޮލަރަށް ހަމަޖައްސައިފައެވެ.

ޓޫރިސްޓު ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން ސަފާރީތަކުން މިހާރުވެސް އަންނަނީ ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ދުވަހަކު ބޮލަކަށް ގްރީން ޓެކްސްގެ ގޮތުގައި ނަގަމުންނެވެ. ގެސްޓްހައުސްތައް މިހާތަނަށް އޮތީ މި ޓެކްސްއިން އިސްތިސްނާ ކުރެވިފައެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިން ފަހުން ރާއްޖޭގެ ގިނަ ރަށްރަށުގައި ގިނަ އަދަދެއްގެ ގެސްޓްހައުސް ވަނީ ހަދައި، ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ގާތްގަނޑަކަށް 390 ގެސްޓްހައުސް ހިންގަމުން އާދެ އެވެ. ގެސްޓްހައުސްތައް ރަށްރަށުގައި ހިންގަމުން އަންނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނެވެ.

comment ކޮމެންޓް