ރާއްޖެއާއި އިރުމަތީ އޭޝިއާއަށް ދަތުރުކުރާ އިރު ޒިކާއަށް ސަމާލުވާން އެމެރިކާއިން އަންގައިފި

މާބަނޑު ދުވަސްވަރު ޒިކާ ވައިރަސް ޖެހުމުން ބަނޑުގައި އޮންނަ ކުއްޖާއަށް ވައިރަސް ފެތުރި، ތުއްތުކުއްޖާގެ ސިކުނޑި އާލާވުން ކުޑަވެ ކުއްޖާގެ ޖިސްމާނީ ހެދިބޮޑުވުމަށްވެސް އަސަރުކުރޭ -- ފޮޓޯ: އޭޕީ

ރާއްޖެއާއި އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ޒިކާ ވައިރަހުގެ ބިރު އެބައޮތް ކަމަށާއި އެހެންކަމުން އެ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން އެގައުމުގެ ރައްޔިތުންނަށް އަންގައިފިއެވެ.

އެ ސެންޓަރުން ނެރުނު ލިޔުމެއްގައި ބުނެފައިވަނީ އިރު ދެކުނު އޭޗިއާގެ ބައެއް ސަރަހައްދުތަކަށް ދަތުރުކޮށްފައިވާ ބައެއް މީހުންގެ ފަރާތުން ޒިކާ ވައިރަސް ފެނިފައިވާ ކަމަށެވެ.

މި ލިޔުން ނެރެފައިވަނީ ޖުމްލަ 11 ގައުމަކަށް ދަތުރުކުރުމުގައި ސަމާލު ވުމަށް އެދިއެވެ. އެއީ ބްރޫނާއި، މިޔަންމާ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، ފިލިޕީންސް، ތައިލެންޑް، ޓިމޯ ލެސްޓޭ އަދި ވިއެޓްނާމްގެ އިތުރުން ދިވެހިރާއްޖެއެވެ. މި ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެކުނު އޭޝިއާގެ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ. އަނެއް 10 ގައުމަކީ އިރުމަތީ އޭޝިއާގެ ގައުމުތަކެވެ.

އެމެރިކާގެ ސީޑީސީން ބުނެފައިވަނީ އެ 11 ގައުމަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މަޑުޖައްސާލަން އެދޭ ކަމަށެވެ.

ސީޑީސީން ބުނީ މި ގައުމުތަކަށް ދަތުރު ކުރުމަ ބެހޭ ޓްރެވަލް އެޑްވައިޒަރީއެއް އަދި އިޝޫކޮށްފައި ނުވާ ކަމަށާއި އެހެން ނަމަވެސް އެގައުމުތަކުން ޒިކާ ވައިރަހުގެ އައުޓްބްރޭކެއް ވެއްޖެ ނަމަ ޓްރެވަލް ނޯޓިސް ނެރޭނެ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ މެލޭޝިއާ އާއި ސިންގަޕޫރުން ޒިކާ ވައިރަސް މިދިޔަ މަހުގެ ތެރޭގައި ފެނިފައިވެއެވެ. ނަމަވެސް ރާއްޖެއިން އެ ވައިރަހުގެ އަސަރެއް ފެނިފައެއް ނުވެއެވެ.

ޒިކާ ވައިރަހަކީ ޑެންގީ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ.

comment ކޮމެންޓް