ތައިލެންޑުން ކެމްބޯޑިއާގެ ކެސިނޯއަކަށް ހަމަލާ ދީފި

ތައިލެންޑުން ދިން ހަމަލާއެއްގައި ކެމްބޯޑިއާގެ ސަރަހައްދެއްގައި އަލިފާން ރޯވެފައި: ތައިލެންޑުން ކެމްބޯޑިއާގެ ކެސިނޯއަކަށް ހަމަލާ ދީފި -- ފޮޓޯ/ އޭޕީ

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު އޮންނަ 'ޕޮއިޕެޓް'ގައި ހުންނަ ކެސިނޯއަކަށް ތައިލެންޑުން ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށް ކެމްބޯޑިއާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅަނގު އުތުރުގެ ބަންޓޭ މީއަންޗޭ ޕްރޮވިންސްގައި އޮންނަ ޕޮއިޕެޓުގައި ހުންނަ ކެސިނޯއަކަށް ކެމްބޯޑިއާ ގަޑިން މިއަދު ހެނދުނު ގާތްގަނޑަކަށް 11 ޖެހިއިރު، ތައިލެންޑް ސިފައިން ވަނީ ބޮމުގެ ދެ ހަމަލާ ދީފައި ކަމަށެވެ.

ތައިލެންޑުން އެކަމާ ގުޅިގެން އެއްޗެއް ހާމަކޮށްފައި ނުވާއިރު، ހަމަލާ ދިނުމުގެ ސަބަބުން ކެމްބޯޑިއާގެ ހަތަރު ކެސިނޯއަކަށް ގެއްލުންވެފައިވާ ކަމަށް މި ހަފުތާ އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއްގަމު މަގުން ތައިލެންޑަށް ވަދެ ނިކުމެވޭ ބޯޑަރު ބަންދުކުރުމާ ގުޅިގެން ޕޮއިޕެޓްގައި ތައިލެންޑުގެ 5،000 އާއި 6،000 އާ ދެމެދުގެ އަދަދަކަށް ތައިލެންޑް ރައްޔިތުން ތާށިވެފައި ތިބި ކަމަށް ވެސް ތައިލެންޑުން ބުނެފައިވެއެވެ.

ނަމަވެސް ބޯޑަރު ބަންދު ކުރުމަކީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އާންމުންނަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށާއި، ފުރަން ބޭނުންވާ މީހުންނަށް ވައިގެ މަގު ޚިޔާރު ކުރެވޭނެ ކަމަށް ކެމްބޯޑިއާގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

ހަމަލާތަކުގެ ސަބަބުން ކެމްބޯޑިއާއިން ގެދޮރު ގެއްލިފައިވާ މީހުން ބަންޓޭ މީއަންޗޭ ޕްރޮވިންސްގެ ވަގުތީ ކޭމްޕެއްގައި މަޑުކޮށްގެން -- ފޮޓޯ/ އޭއެފްޕީ

ޖުލައި މަހު ކެމްބޯޑިއާއާއި ތައިލެންޑާ ދެމެދު ފަސް ދުވަހުގެ މުއްދަތަށް ބަދަލުކުރި ހަމަލާތަކަށްފަހު، އެމެރިކާ، ޗައިނާ އަދި މެލޭޝިއާ މެދެވެރިވެގެން ހަމަލާތައް ހުއްޓާލައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރިއެވެ.

ނަމަވެސް، މިދިޔަ މަހު ލޭންޑްމައިނެއް ގޮވައި، ތައިލެންޑުގެ ސިފައިންގެ މީހަކު ޒަޚަމުވުމުން، އެއްބަސްވުން ތަންފީޒު ނުކުރާނެ ކަމަށް ތައިލެންޑުން ވަނީ ބުނެފައެވެ.

އޭގެ ފަހުން މި މަހު ފެށި ހަމަލާތައް ވެސް ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ނުވާނެ ކަމަށް ތައިލެންޑުން ވަނީ ބުނެފައެވެ. މި މަހުގެ ކުރީކޮޅު ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގެ ފަހުން ވެސް އާޓިލަރީ، ޓޭންކް، ޑްރޯން އަދި ޖެޓްތައް ބޭނުންކޮށްގެން ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.

ދެ ގައުމުގެ މެދުގައި މި މަހު ބަދަލު ކުރި ހަމަލާތަކުގައި ތައިލެންޑުން 21 މީހުން މަރުވެފައިވާއިރު، ކެމްބޯޑިއާއިން ވަނީ 17 މީހުން މަރުވެފައެވެ.

ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 800،000 މީހުން ގެދޮރު ދޫކޮށްފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާއެކު ބޯޑަރު ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ، ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.

comment ކޮމެންޓް