އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި މިދިޔަ އާދިއްތަ ދުވަހު ބަޑީގެ ހަމަލާދިން ދެ މީހުންގެ ތެރެއިން, 24 އަހަރުގެ ނަވީދު އަކްރަމްގެ މައްޗަށް 59 ދައުވާއެއް އުފުލައިފިއެވެ.
ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަކުރަމުން ދަނިކޮށް ދިން އެ ހަމަލާގައި 15 މީހުން މަރާލައިފައިވާއިރު، އިތުރު އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލައިފައެވެ.
އެ ހާދިސާގައި ނަވީދަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ބަޑި ޖެހި ދެ ވަނަ މީހާ ކަމަށްވާ ނަވީދުގެ ބައްޕަ، 50 އަހަރުގެ ސާޖިދު އަކްރަމް ވަނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި މަރުވެފައެވެ.

ބޮންޑައި ބީޗްގައި ދިން ހަމަލާތަކުގައި މަރުވި 10 އަހަރުގެ މަޓިލްޑާ، އެއީ އެ ހަމަލާތަކުގައި މަރުވި އެންމެ ހަގު ކުއްޖާ -- ފޮޓޯ/ބީބިސީ
ނަވީދަށް ކުރި ދައުވާތަކުގެ ތެރޭގައި ގަސްތުގައި މެރުމުގެ 15 ދައުވާއަކާއި ޓެރަރިސްޓް އަމަލެއް ހިންގުމުގެ އެއް ދައުވާ ހިމެނެއެވެ. އަދި މަރާލުމުގެ ނިޔަތުގައި ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ 40 ދައުވާގެ އިތުރުން މަނާ ޓެރަރިސްޓް ޖަމާއަތެއްގެ ނިޝާނެއް އާންމުކޮށް ދެއްކުމުގެ ދައުވާ ވެސް އޭނާއަށް ކޮށްފައިވެއެވެ.
ނަވީދުގެ ފުރަތަމަ އަޑުއެހުން އޮތީ ހޮސްޕިޓަލްގައި ކަމަށްވެސް ނިއު ސައުތު ވޭލްސް ކޯޓާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. އެ މައްސަލަ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށް ވެސް ކޯޓުން އިތުރަށް ބުނެފައިވެއެވެ.
އެ ހަމަލާތަކުގެ ސަބަބުން ސިޑްނީގެ އެކި ހޮސްޕިޓަލްތަކުގައި އަދިވެސް 17 މީހަކަށް ފަރުވާ ދެމުން އެބަދެއެވެ. އޭގެތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށާއި އިތުރު ހަތަރު މީހެއްގެ ހާލު ސީރިއަސް ނަމަވެސް ސްޓޭބަލް ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

ބީޗްގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާނުގައި މާބޮޑި ބަހައްޓާފައި. ފޮޓޯ/އީޕީއޭ
ނަވީދުގެ މައްޗަށް ދައުވާ އުފުލިއިރު، ނަވީދުއާއި ބައްޕަ ސާޖިދު މިދިޔަ މަހު އުޅުނީ ފިލިޕީންސްގައި ކަމަށްވެސް ނިއު ސައުތު ވޭލްސްގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފިލިޕީންސްގެ އިމިގްރޭޝަން ބިއުރޯއިން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ އެ މީހުން އެ ގައުމުގައި ތިބީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މީހުންގެ އެންމެ ފަހު މަންޒިލަކީ ދެކުނުގެ ސިޓީއެއް ކަމަށްވާ ދަވާއޯ ކަމަށްވެސް އިމިގްރޭޝަންގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
ނަވީދު ފިލިޕީންސްއަށް ދަތުރުކުރީ އޮސްޓްރޭލިއާގެ ޕާސްޕޯޓެއް ބޭނުންކޮށްގެން ކަމަށާއި، އޭނާގެ ބައްޕަ ސާޖިދު ބޭނުންކުރީ އިންޑިއާގެ ޕާސްޕޯޓެއް ކަމަށް މެނިލާގެ ބޯޑަރު އޮތޯރިޓީއާ ހަވާލާދީ ބީބީސީން ބުނެފައިވެއެވެ. އަދި ސާޖިދަކީ އަސްލު އިންޑިއާގެ ދެކުނުގެ ހައިދަރުއާބާދަށް އުފަން މީހެއް ކަމަށާއި ނަމަވެސް އާއިލާއާ މާބޮޑު ގުޅުމެއް ނޯންނަ ކަމަށް އިންޑިއާގެ ތެލަންގާނާ ފުލުހުން ބުނެފައިވެއެވެ.
އޮސްޓްރޭލިއާ ސަރުކާރުން ވަނީ އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ކަނޑައަޅާފައެވެ.