ދެ މިލިޔަނުގެ ދަރަނި އަދާކޮށް، އެސްޓީއޯގެ ދަށަށް މިފްކޯ ގެންދަން ނިންމައިފި

މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެނެސްފި އެވެ.

އެސްޓީއޯގެ ދަށަށް މިފްކޯ ގެނައުމަށް ނިންމިކަން އިއުލާން ކުރެއްވީ، ރައީސް އޮފީހުގައި މިއަދު ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. މިނިސްޓަރު ވިދާޅުވީ މިގޮތަށް ސަރުކާރުން ނިންމީ ކެބިނެޓުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ގެނައުމަށް ކެބިނެޓުން ނިންމީ، ދެ ކުންފުނީގައި ވެސް ދެކުންފުންޏަށް ފައިދާވާނެ ފަދަ މަސައްކަތްތައް ކުރެވޭނެތީ ކަމަށެވެ.

އެގޮތުން މިފްކޯއިން އެންމެ ބޮޑަށް ޚަރަދު ކުރަނީ ތެލަށް ކަމަށާއި، އެސްޓީއޯއަކީ ތެލުގެ ވިޔަފާރި ވެސް ކުރާ ކުންފުންޏެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި މިފްކޯ އިން ބޭރުކުރާ މަހުން ގިނަ އަދަދަކަށް ޑޮލަރު ލިބުމުގެ ގާބިލިއްޔަތު ލިބިފައިވާ އިރު، އެކަމުން އެސްޓީއޯ އަށް ޑޮލަރު ލިބުމުގައި ފައިދާތަކެއް ކުރާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ މިފްކޯ ހިންގަމުން ދިޔައީ ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށާއި މިފްކޯ އޮތީ މަސްވެރިންނަށް ވެސް ދަރަނިވެރިވެފައި ކަމަށެވެ.

"މިހާތަނަށް މިފްކޯ އިން މަސްވެރިންނަށް ނުދެވި، ކްރެޑިޓަށް ދެ މިލިޔަނެއްހާ ރުފިޔާ ދޭން އެބަހުރި. މިއަދު ކެބިނެޓުން ނިންމީ މިއަދުން މިއަދަށް މަސްވެރިންނަށް ދޭން އޮތް ހުރިހާ ލާރިއެއް ބަޖެޓުން ދީ، އެކަން ޚަލާސް ކޮށް، އާ ފެށުމަކުން އެސްޓީއޯގެ ދަށުން މިފްކޯގެ މަސައްކަތްތައް ފަށައިގަތުމަށް،" ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ މިސްކޯ އިން މަސްވެރިންގެ ސަބްސިޑީއަށް ބޮޑު ޚަރަދެއް ކުރަމުން ދިޔަ ނަމަވެސް އެ ސަބްސިޑީ ދިޔައީ މިފްކޯގެ "އިންއެފިޝެންސީގެ" ތެރެއަށް ފޭދެމުން ކަމަށެވެ.

އެހެންކަމުން އެސްޓީއޯގެ މެނޭޖުމެންޓުގެ ދަށަށް މިފްކޯ ގެނެސް، އެކުންފުންޏަށް ހިންގައިގަނެވިއްޖެ ނަމަ މަސްވެރިންނަށް ސަބްސިޑީ ދޭން ނުޖެހޭނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަން ދެން މިކަމުން މަސްވެރިންނަށް ފައިދާތަކެއް ކުރާނެ. ރާއްޖޭގެ މަސްވެރިކަން ކޯޕަރޭޓު ސެކްޓަރުގައި ޑިމާންޑް އެންޑް ސަޕްލައިގެ ތެރެއިން ކުރިޔަށް ދާ އިންޑަސްޓްރީއަކަށް ހެދޭނެ. މިހާރު މިފްކޯގެ ސްޓްރަކްޗާގެ ތެރެއިން ފައިދާވާ ކަންކަމާއި ނުވާ ކަންކަން ބަލާފައި، އެންމެ ފައިދާވާ ގޮތަށް ކަންކަން ބައްޓަން ވެގެން ދާނީ،" މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.

އަދި މިފްކޯއާއި އެސްޓީއޯގެ ވަސީލަތްތައް އެކުގައި ބޭނުންކުރަން ފެށުމުނެ ޑަބަލްކޮށް ކުރެވޭ ޚަރަދުތައް ވެސް ކަނޑާލެވޭނެ ކަމަށް މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.

comment ކޮމެންޓް